ENGLISH
26 މާރިޗު 2026
ފިރުގާތަކާ ގުޅޭ ކަންކަމުގައި އިލްމުވެރިން ނޫނީ ވާހަކަނުދައްކަން ވަޒީރު އިލްތިމާސްކުރައްވައިފި
26 މާރިޗު 2026
|
އިސްލާމީ ކަަންތައްތަކާ ބެހޭ ވަަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
އެންމެ މަޤްބޫލު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިންގެ މެދުގައި ސުންނީ އަދި ޝިޢީ މަޒުހަބުތަކާ ގުޅޭ ބަހުސް ވަރަށް ބޮޑަށް ފުޅާވެފައިވަނިކޮށް، އިސްލާމީ ފިރުގަތަކާ ގުޅޭ އިލްމު ލިބިވަޑައިގެން ތިއްބެވި އިލްމުވެރިން ނޫން މީހުން އެ ފިރުގަތަކާ ގުޅޭ ގޮތުން ވާހަކަނުދެއްކުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
ޑރ.ޝަހީމު ވިދާޅުވީ ސުންނީ އަދި ޝިއީ މަޒުހަބުގެ ތައައްސުބުގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެންދިއުމަށް ޖާގަ ދެވިގެންނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ، ސުންނަތް ޖަމާއަތުގެ މަތިވެރި ސައްހަ އަގީދާގެ މަތީގައި ގުރުއާނާއި ސުންނަތާއި ސަލަފުއްޞާލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމުގައި ޝަހީމު ވިދާޅުވިއެވެ.
ދިވެހިންނަކީ އިސްލާމްދީނުގެ މެދުމިން އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާ ދެމިއޮންނާނެ ކަމަށާއި، އެ އަސާސް ދެމެހެއްޓުމަށް އިލްމުވެރިންނާއި ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
" އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން. އަދި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަންވެސް އިލްތިމާސްކުރަން.،" ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރުވަނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. ދީނީ ފިކުރުގެ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލުމަށް ދުޝްމަނުން ކުރާ މަސައްކަތްތަކާމެދު ސަމާލުވެ ތިބެންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވަައިލައްވަމުން ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަނުދެއްކުމަށް ނަސޭހަަތްތެރިވެވަޑައިގެންފައިވެއެވެ.