ENGLISH

26 މާރިޗު 2026

Advertisement

ހުޅުމާލެ ފޭސް ތިނަކުން ދީފައިވާ ގޯތިތައް ހަވާލުކުރުމުގެ ތައްޔާރީތައް ފަށައިި

26 މާރިޗު 2026

|

ޢަލީ ޝަހީމް

ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިންމާފައި. މިހާރު އަންނަނީ ގޯތިތަކުގެ ބިންތައް ދޫކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން. ފޮޓޯ: އެޗްޑީސީ

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. 

އެޗްޑީސީއިން އިއްޔެ 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ބިން ހަވާލުކުރުމުގެ ގޮތުން އެ ސަރަޙައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމަސައްކަތް އެޗްޑީސީއިން ކުރަމުންގެންދަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. 

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރެއެވެ. 

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކާއި އެ ތަންތަނުގެ ބޮޑުމިން:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދުގެ ބިން މި ސަރުކާރުން މިހާރު ހިއްކާ ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާފައެވެ. 

ބިން ހިއްކައި ނިންމުމަށްފަހު، އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ބަލައިގަތުމަށް ރަޖިސްޓްރީވާން މިދިޔަ ފެބްރުވަރީ މަހު ވަނީ ހުޅުވާލާފައެވެ. 

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް އެ ތަނުން ގޯތި ލިބުނު ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައަޅަން މިދިޔަ ޑިސެމްބަރު ވަނީ ގުރުއަތު ނަގައިފައެވެ. 

ހުޅުމާލެ ފޭސް ތިނަކުން ބިން ހަވާލުކުރުމަށް ތައްޔާރުވަމުން އަންނައިރު، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ބިންތައް ނުހިއްކައި ކަނޑުން ދޫކޮށްފައި ހުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ފަހު މި ސަރުކާރުން އަންނަނީ ބިންތައް ޙަވާލުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު