ENGLISH

28 މާރިޗު 2026

Advertisement

ހަނގުރާމައިގެ ޚަބަރާއި މަޢުލޫމާތު، މީޑިއާތަކުން ޒިންމާދާރުކަމާއެކު ގެނެސްދިނުމަށް އިލްތިމާސްކޮށްފި

26 މާރިޗު 2026

|

ޢަލީ ޝަހީމް

ހަނގުރާމައިގެ ދުވަސްތައް ކުރިއަށްދާއިރު، މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްބީސީއިން އިއްޔެ އާއްމުކުރި ނޫސްބަޔާނުގައި ބުނީ ޚަބަރުތައް ފެތުރުމުގައި "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރަތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތަށް ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

ވަކިން ޚާއްޞަކޮށް، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުން ގެންދާ މި ޚައްޞާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ހަނދާންކޮށްދީފައިވެއެވެ.  

އެމްއެމްބީސީއިން މީޑިއާގެ ކިބައިން އެދުނީ ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދައްކާ ވާހަކައިގެ މަފުހޫމް ނުގެއްލޭގޮތަށް މަޢުލޫމާތު ގެނެސްދިނުމަށެވެ. އެގޮތުން އަސްލާ އެއްގޮތަށް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ އަދި ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށް ވަލީ އެދިފައެވެ. 

"މި މާއްދާތަކުގައި ބަޔާންކުރާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރިފަރާތުގެ ޙައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާންކޮށްދެމެވެ" އެމްއެމްބީސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ. 

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، ސަރުކާރުން އަންނަނީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، އެކަމަށް ޚާއްޞަކޮށްފައިވާ ކެބިނެޓް ވަޒީރުން ހިމެނިވަޑައިގަންނަވާ ކޮމިޓިން ގެންދަވަނީ ކޮންމެ ހަފްތާއަކު ވެސް ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތު ތަފްސީލުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު