ENGLISH
25 މާރިޗު 2026
ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
25 މާރިޗު 2026
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެެވެ.
އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސާ އަދި ވަކީލު އިބްރާހިމް ޝިޔާމު، ދުސްތޫރީ މައްސަލައެއް ހުށަހެޅީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށެވެ. އެހެންކަމުން، އެ ސުވާލު ހިމެނޭ ގޮތަށް މި ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި ވަނީ އެދިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރެވެ.
ޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފަށާއިރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދައި މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް ގެނައުމަށް ފާސްކުރި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގުނުމުގެ ބިލު ބާތިލުކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްލާހު ބަލައިނުގަތުމަށް މިއަދު ވަނީ ނިންމާފަ އެވެ.
މި މައްސަލާގައި އަލީ ހުސައިން ހުށަހަޅުއްވާފައިވާ ގާނޫނީ ސުވާލަކީ ސައްހަ ސުވާލަކަށްނުވާތީ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާކަން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުން އަލީ ހުސެއިނަށް މިއަދު ވަނީ އަންގަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިޖުރިބާ ލިބިވަޑައިގެން ތިއްބެވި ކުރިއާއި މިހާރުގެ މެމްބަރުންނާއި ގާނުނީ ފަންނުގެ ބޭފުޅުންނާއި ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ ބޭފުޅުންނާއި ސިޔާސީ މައިދާނުގައި ތިއްބެވި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ބޭފުޅުން ވެސް އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަން ރައްޔިތުންނަށް ކިޔައިދީ މިކަމުގައި ސަރުކާރަށް ތާއީދުކުރަމުން ނެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ހަދަމުން ދަނީ ހަމައެކަނި ވާދަވެރި އެމްޑީޕީކަން ފާހަގަކޮށްލެވެއެވެ.