ENGLISH

25 މާރިޗު 2026

Advertisement

ފަސް ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

25 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފަސް ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ

ފަސްް ރަށެއްގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތަކަށް ޖާގަ އިތުރުކުރުމަށް އައު އިމާރާތްތައް އެޅުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. 

ގދ. ހޯޑެއްދޫ ސިއްހީ މަރުކަޒުގެ އިމާރާތަށް ޖާގަ އިތުރުކުރުމުގެ ގޮތުން އައު އިމާރާތެއް އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި އެއްބަސްވުމުގައި ހެލްތު މ،ިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އިސްމާއީލު އަބްދުﷲއެވެ. އަދި އާރްޑީސީގެ ފަރާުތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ރިފާއީ ބުޝްރީއެވެ. 

 މި އެއްބަސްވުމުގެ ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ވޯޑަކާއި، ޕްރައިވެޓް ރޫމާއި ޕްރޯޖާ ރޫމާއި ލެބޯޓަރީއާއި ޕަބްލިކް ހެލްތު ޔުނިޓާއި، މީޓިން ހޯލާއި ސްޓޯ ރޫމަކާއި ލޯންޑްރީވެސް ހިމެނޭ ގޮތަށް އިމާރާތްކުރާ އައު ޖާގައިގެ މަސައްކަތް 365 ދުވަހުން ނިންމުމަށް ހަވާލުކުރީ 8.1 މިލިއަން ރުފިޔާއަށެވެ. 

އަދި ފެނަކައާ ދެ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ. އެއީ ރ.މާކުރަތާއި ރ.ވާދޫއެވެ. އެ ދެ ރަށުގެ ސިއްހީ މަރުކަޒުތަކަށް ޖާގ އިތުރުކުރުމުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާަތުން ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު ސޮއިކުރެއްވިއިރު ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު އާރިފެވެ. 

މާކުރަތުގައި ނާސް ސްޓޭޝަނާއި ހަތަރު އެނދުގެ ވޯޑަކާއި ޕްރައިވެޓް ރޫމާއި ޕްރޮސީޖާ ރޫމާއި ލެބޯޓަރީ ހިމެނޭ އައު އިމާރާތް އެޅުމަށް ހަވާލުކުރީ 300 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 5.1 މިލިއަން ރުފިޔާގެ އަގަކަށެވެ. 

ވާދޫގައިވެސް ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ވޯޑަކާއި ޕްރޮސީޖާ ރޫމާއި ލެބޯޓަރީގެ އިތުރަށް ގަރާޖާއި ސްޓޯ ރޫމުތަކާއި ލޯންޑްރީ ހިމެނޭ އިމާރާތެއް އެޅުމަށް ހަވާލުކުރިއިރު، އެ މަސައްކަތަކީ 365 ދުވަހުން ނިންމާ ގޮތަށް 5.7 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި މަސައްކަތެކެވެ. 

އެމްޓީސީސީއާ ތ.ކަނޑޫދޫއާއި ކ.ހިއްމަފުށީގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރިއިރު އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފު އަދި އެމްޓީސީސީގެ ޑީއެމްޑީ އަހްމަދު ޝަރީފު ސޮއިކުރެއްވިއެވެ. 

ކަނޑޫދޫގެ އައު ސިއްހީ މަރުކަޒުގެ އިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކުރީ 21.8 މިލިއަން ރުފިޔާއަށް 390 ދުވަހުން ނިންމާ ގޮތަށެވެ. 

އަދި ހިއްމަފުށީގައި ނާސް ސްޓޭޝަނާއި ހަތަރު އެނދުގެ ދެ ވޯޑާއި، ދެ ޕްރައިވެޓް ރޫމާި ޕްރޮސީޖާ ރޫމާއި، ލެބޯޓަރީއާއި ގަރާޖާއި، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމުތަކާއި އެކްސްރޭ ރޫމު ހިމެނޭ އައު އިމާރާތް އެޅުމަށް ހަވާލުކުރީ 11.2 މިލިއަން ރުފިޔާއަށް 360 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.‌

ކިޔުންތެރިންގެ ހިޔާލު