ENGLISH

25 މާރިޗު 2026

Advertisement

ފޭސްތިނަކުން ބިން ހަވާލުކުރުމުގެ ތައްޔާރީތައް ފަށައިފި

25 މާރިޗު 2026

|

އަޙުމަދު ޙަމީދު

ފޭސް ތިނެއް ހިމެނޭ ސަރަހައްދު ސާރވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތް ދަނީ ކުރަމުން --

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ވަނީ އެ މަސައްކަތް ހިނގަމުންދާކަން ފާހަަގަކޮށް އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފަ އެވެ.

އެ ކުންފުނިން ބުނީ ފޭސް ތިނެއް ހިމެނޭ ސަރަހައްދު ސާރވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން އެޗްޑީސީން ދަނީ ކުރަމުން ކަމަށެވެ.

ހުޅުމާލެ ފޭސް ތިނަކުން ކުރީ ސަރުކާރުން ގޯތި ދޫކުރީ ނުވެސް ހިއްކާ ފަޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ބިން ހިއްކުމުގެ މަޝްރޫޢު ހަލުއި ކުރައްވާ ގޯތި ދޫކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާރު ވަނީ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ވެސް ބާއްވާފަ އެވެ.

އަދި ކުރު މުއްދަތެއްގެ ތެރޭގައި ބިން ހިއްކާ މުޅި މަޝްރޫޢު ވަނީ ނިންމާލާފަ އެވެ. އެގޮތުން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަހުން ކުރީ ' ޕްރިންސް ޑަރ ނެދަލޭންޑަން' އަދި 'އޮރަންޖް' ނަމަކަށް ކިޔާ ދެ ޑްރެޖަރުގެ އެހީގަ އެވެ. މި ދެ ޑްރެޖަރުގެ ވެސް ކެޕޭސިޓީއަކީ 22,000 ސީބީއެމް އެވެ. މި މަޝްރޫޢުއަށް މިފަަދަ ބޮޑު ދެ ޑްރެޖަރު ބޭނުން ކުރީ މަޝްރޫޢު ހަލުވި ކުރުމަށެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ގޯތިދިން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު