ENGLISH
25 މާރިޗު 2026
ގޭހުގެ ދަތިކަން ފިލުވުމަށް 1،500 ޓަނުގެ ގޭސް ރައްކާކުރެވޭ ސްޓޮރޭޖު ގާއިމުކުރަނީ
25 މާރިޗު 2026
|
ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން އަންނަނީ ކުރަމުން
އެންމެ މަޤްބޫލު
ރާއްޖެއަށް ކުރިމަތިވެދާނެ ގޭހުގެ ދަތިކަމަކުން އަރައިގަތުމަށް މާލޭ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޮރޭޖު ފެސިލީޓީއެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލީ ކަންކަމާއި ގައުމީ ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޒަމީރު ވިދާޅުވީ ރާއްޖެއަށް ގޭހުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައި ނެތް ކަމަށެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ލަންކާއާއި ބަންގުލަދޭޝަށް ގޭސް ފޯރުކޮށްދެނީ ރާއްޖެއަށްވެސް ގޭސް ފޯރުކޮށްދޭ ފަރާތުން ކަމުގައިވާތީ އެކަމުގައި ދަތިކަމެއް ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަމީރު ވިދާޅުވި ގޮތުުގައި ގޭސް ގިނަ ފަހަރަށް ގައުމުތަކަށް މިގެންނަނީ ބޮޑެތި އުޅަނދުފަހަރުގައި ގެނެސް ކުޑަ އުޅަނދުފަހަރަށް ބަދަލުކޮށްގެންނެވެ. ބޮޑެތި އުޅަނދުފަހަރުން ކުދި އުޅަނދުފަހަރަށް ގޭސް ބަދަލުކުރުމުގެ މަސައްކަތް މި ސަރަހައްދުގައި ކުރެވެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އެއީވެސް ރާއްޖެއަށް ގޭސް ލިބުމުގައި ދަތިނުވާނެ ސަބަބެއް ކަމަށެވެ.
އަދި ގޭސް ރައްކާކުރެވޭ މިންވަރަށް ބަލާއިރު އެސްޓީއޯއިން އެއްފަހަރާ 1،000 ޓަނުގެ ގޭސް ރައްކާކުރެވޭއިރު ވިލާ ގޭސްއިންވެސް ގޭސް ރައްކާކުރަމުންދާކަމަށާއި، އެސްޓީއޯއާއި ވިލާ ގުޅިގެން ގޭސް ރައްކާކުރުމުގެ ކަންކަން ކުރަމުންދާކަމަަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެސްޓީއޯއިން ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކޮށް، 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެފެސިލިޓީ ނިމުމުން ދެމަހުގެ ގޭސް އެއްފަހަރާ ރައްކާޚޮށްފައި ބެހެއްޓޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑަށް އަންގާފައި އޮތީ ޕްރޮކިއުމެންޓު ލެވެލްގަައޭ އޮތީ އިތުރު 1،500 ޓަނުގެ ސްޓޮރޭޖު މާލޭ ސަރަހައްދުގައި ޑިވެލޮޕްކުރުމަށްޓަކައި. މި އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓު ނިމޭނެކަަމަަށް އެސްޓީއޯއިން ވިދާޅުވެފައި އޮތީ. އެއިރުން އަޅުގަނޑުމެންނަށް ދެ މަހާއި ބައިގެ ސްޓޮރޭޖު ގެންގުޅެވޭނެ މާލޭ ސަރަހައްދުގައި އެކަނި.،" ޒަމީރު ވިދާޅުވިއެވެ.
ތެޔޮ ޓޭންކަރާ ހިލާފަށް ގޭސް އުފުލާ ޓޭންކަރު ގެންގުޅުމަކީ ފަސޭހަކަމަަކަށްނުވާތީ ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވެއެވެ. އެ މަސައްކަތްކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ފިޔަވަައްސެއް ދޮޅު އަހަރާއި ދެ އަހަރުގެ މުހުލަތެއްގައި ކުރާ ގޮތަށެވެ.