ENGLISH
25 މާރިޗު 2026
ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުދިން، 111 ކުއްޖަަކަށް އާއިލާ ހޯދައިދެވިއްޖެ
25 މާރިޗު 2026
|
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު 152 ކުދިން ތިބޭއިރު، ސަރުކާރުން ކުރި މަސައްކަތުން 111 ވަރަކަށް ކުދިންނަށް އާއިލީ ވެށި ހޯދައިދެވިފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން އާއިލާތަކުގެ ހާލަތު ގާތުން ބެލެހެއްޓުމުގައި އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމަކީ ކުދިން އުފަންވާ ހިސާބުން ފެށިގެން އެ ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ލިބޭކަން ކަށަވަރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ކުށުގެ މާހައުލުގެ ތެރޭގައި އުޅުން ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ވަަޒީރު ފާހަގަކުރެއްވިއެވެ.
ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި އެންމެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ކުއްޖަކަށް އާއިލާއެއް ހަމަޖެއްސެވުމުގެ ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުރީގައި ހަމައެކަނި ތުއްތު ކުދިން އާއިލާތަަކަށް ބަލައިގަންނަމުން އައި ނަމަވެސް މިހާރު ތަންކޮޅެއް ބޮޑެތި ކުދިން އާއިލާތަކަށް ބަލައިގަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިހާރު އާއިލާތަކުން އެއްބަނޑު އެއްބަފާ ދެ ކުދިން ތިބޭ ހާލަަތުގައި އެ ކުދިންނާ އާއިލާތަކުން އެކީ ހަވާލުވަމުންދާ ކަމަަށެވެ. އެއީ ވުޒާރާގެ މަސައްކަތްތަަކަށް ލިބުނު ބޮޑު ކުރިއެރުމެއް އަދި ލުޔެއް ކަމަށްްވެސް ވިދާޅުވިއެވެ.
"17 ނޮވެންބަރު 2023 ވަނަ ދުވަހުން ފަށައިގެން މިއަދާ ހަމައަށްް އިރާދަކުރެއްވިއްޔާ 111 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ. އެއީ އުފާވެރި ލޯބި ލިބިގެންވާ އާއިލީ ވެއްޓެއް. މީގެ ތެރޭގައި އާއިލާއެއްގެ ތެރޭގައި ހުރި ބަލަހައްޓަން ބޭނުންވާ މީހަކާ ހަވާލުކުރެވޭ ނުވަތަ އަލަށް އާއިލާއެއް ލިބޭ ކުދިން،" ވަޒީރު ވިދާޅުވިއެވެ.
އާއިލާއަކަށް ކުއްޖަކު ހަވާލުކުރުމުގެ ކުރިން ފުރަތަމަ ބަލަނީ އެ ކުއްޖެއްގެ އާއިލާގެ ތެރެއިން އެ ކުއްޖަކާ ހަވާލުވާނެ ކުއްޖަކު ބެލެހެއްޓޭނެ މީހަކު ހުރިތޯއެވެ. އެއަށްފަހު އެފަދަަ މީހަކު ނުލިބިއްޖެނަމަ ދައުލަތަށް އެ ކުއްޖާ ނަގައި އެހެން އާއިލާއެއް ހޯދައިދިނުމަށް މަސައްކަތްކުރަނީއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 152 ކުދިންނެވެ. މިވެރިކަން ފެށުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިއްބެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އެކި އަމާންވެށިތަކުގައި ތިބި ކުދިންނެވެ.
އެކުދިންނަށް އެކި ކަހަލަ އިންޓަންޝިޕުތަކާއި ތަމްރީނުތައް ފޯރުކޮށްދީ މުޖުތަމައަށް އެ ކުދިން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވީ ރައީސްގެ އިސްނެންގެވުމަށް ސަރުކާރުން ފެށި ވަތަނީ ހިދުމަތުގެ ތެރެއިން އެފަދަ ކުދިންނަށް ފުރުސަަތުތައް ލިބިފައިވާ ކަމަށެވެ.