ENGLISH
25 މާރިޗު 2026
ޝުޖާއު، ބާރަށުގެ ޒުވާނުންނަށް: މި ސަރުކާރުން ތިޔަ ޒުވާނުން ބާކީއެއް ނުކުރާނެ
25 މާރިޗު 2026
|
ބާރަށުގެ ވިޔަޒޯރު ފުޓްސަލް ދަނޑު، އެހާރާއި މިހާރު ދައްކުވައިދޭ ފޮޓޯ--
އެންމެ މަޤްބޫލު
އެމްޑީޕީ ސަރުކާރުން ހއ. ބާރަށުގެ ޒުވާނުންގެ އެދުންތަކަށް، އިޖާބަ ނުދިންނަމަވެސް، މި ސަރުކާރުން، އިޖާބަ ދެއްވާނެކަމަށް، ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ބާރަށުގެ ޒުވާނުން މިހާރު ބޭނުންކުރަމުންދާ ފުޓްސަލް ދަނޑުގެ ގޭޓް ކައިރީގައި ދަނޑު ހޯދުމުގެ އިންތިޒާރުގައި، ކިޔުގައި ތިބޭތަން ދެކޭކަމަށެވެ. ނަމަވެސް ވީރާނާވާން ދޫކޮށްލާފައި އޮތް މިދަނޑު، އެމްޑީޕީގެ ސަރުކާރުން، ތަރައްޤީކޮށް ދެއްވި ނަމަ ކިޔުގައި ތިބޭ ޒުވާނުން މަދުވާނެކަމަށެވެ. ނަމަވެސް އެސަރުކާރު ނިމިދިޔަ އިރުވެސް ބާރަށުގެ ޒުވާނުންގެ އެދުމަށް، ”ރިއެކްޓެއް“ ނުކުރައްވާކަމަށާއި، ޒުވާނުންގެ އެދުމަށް އަވަސް ރިއެކްޓެއް ކުރެއްވީ މިސަރުކާރުން ކަމަށެވެ.
"އަދުގެ ރައީސް ޑރ. މުޢީއްޒުއަށް ތިޔަ ޒުވާނުންގެ އެދުން ދެންނެވީން. ވަގުތުން ރިއެކްޓު ކުރެއްވި. އެމްޑީޕީ ސަރުކާރުން ނަގާފައިވާހާ ލޯނުތައް ދައްކަވަމުން، އެސަރުކާރުން އިނދަޖައްސާލާފައިވާ އިޤްތިޞާދު ހަމަ މަގަށް އަޅުވަމުން، ތިޔަ ޒުވާނުންގެ އެދުމަށް އެމަނިކުފާނު އިޖާބަދެއްވައި ވީރާނާ ވެފައިއޮތް ހއ.ބާރަށު ވިޔަޒޯރު ފުޓްސަލް ދަނޑު މިއަދު މިވަނީ ޒަމާނީކޮށް ތިޔަ ޒުވާނުންގެ ޚިދުމަތަށް ގެނެސްދެއްވާފަ. ބަހާއި އަމަލު ދިމާވުމަކީ މިއީ ނޫންތޯ؟ ތިޔަ ޒުވާނުންގެ އަޑު އެއްސެވުމަކީ މިއީ ނޫންތޯ؟ ތިޔަ ޒުވާނުންނަށް މިދަނޑު ތަރައްޤީ ކުރެވިގެންދިއުމުން ދަނޑު ހޯދުމަށް އޮތް ޑިމާންޑަށް ލުއި ލިބިގެންދާނެ. ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ތިޔަ ޒުވާނުން ބާކީ ވިޔަ ނުދެއްވާނެ " - ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު
ބާރަށުގައި އަޕްގްރޭޑް ކުރަން އެމްޑީޕީ ވެރިކަމުގައި ބުނި ދަނޑު 2023 ގައި އޮތް ހާލަތު--
އާބާދީގައި 2000 އަށްވުރެ ގިނަމީހުން އުޅޭ ބާރަށުގެ ޒުވާނުންނަށް، ޕީޕީއެމްގެ ސަރުކާރުން ބިނާކޮށްދެއްވި ފުޓްސަލް ދަނޑު، އެމްޑިޕީގެ 5 އަހަރުގެ ވެރިކަމުގައި ވަނީ އާބާތުރަ ނުފިލުވައި ވާނެއެއްޗެއް ވާން ދޫކޮށްލާފައެވެ. އަދި އެހެން އެމްޑީޕީގެ ސަރުކާރުން ކަންކުރީ މި ފިކުރުގެ ސަރުކާރުން ކޮށްފައިވާ ކަމަކަށްވާތީކަމަށް މެންބަރު ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހއ. ބާރަށުގައި 18 މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް ނިންމިއެވެ. އޭގެތެރޭގައި ފުޓްބޯޅަ ދަނޑު މަރާމާތު ކުރުމާއި އެކު ފުޓްސަލް ދަނޑެއް ތަރައްގީކުރުން ހިމެނިފައި ވީނަމަވެސް، ދައުރު ނިމެންދިޔަ އިރުވެސް އެއްވެސް މަޝްރޫއުއެއް ނުނިމޭތީ، އޭރު އެރަށުގެ ކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮގަސްޓް 14 އަށް، މަރާމާތުކޮށް ނިމޭނެކަމަށް ބުނި ދަނޑު، ވެސް އެތާރީޚް ފާއިތުވިއިރުވެސް ނުފަށާ އޮތުމުން، ޒުވާނުންނާއި ކައުންސިލުން އޭރުވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.