ENGLISH
25 މާރިޗު 2026
ސްކޭމުގެ ގޮތުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި
25 މާރިޗު 2026
|
ސްކޭމް ސެންޓަރުން އަންނަނީ ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުން. ފޮޓޯ؛ ފުލުހުންގެ ހިދުމަތް
އެންމެ މަޤްބޫލު
މިދިޔަ ހަފްތާގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިފައިވާ ސްކޭމްގެ މައްސަލަތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް އެ ހިދުމަތުން ހާމަކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 51 މައްސަލަ ހުށަހަޅާފައި ވެއެވެ.
އެ މައްސަލަތަކުގައި 338،809.30 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެތެރެއިން 124،277 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 27 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އިމްޕަރސެނޭޝަންގެ 10 މައްސަލައާއި، ފައިސާ މާރުކުރުމާއި ގުޅުންހުރި އަށް މައްސަލައިގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން ހަ މައްސަލައެއް ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.