ENGLISH
25 މާރިޗު 2026
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ޒުވާނުންނަށް ލިިބިގެންދާ ފަހި ފުރުސަތެއް: އައުޝަން
25 މާރިޗު 2026
|
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް. ފޮޓޯ؛ ޕީއެސްއެމް.
އެންމެ މަޤްބޫލު
ގައުމީ ބޭންކް ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް މިއުޅޭނީ ގާތްގަނޑަކަށް 40ރުފިޔާ އާއި 150 ރުރިޔާއާ ދެމެދުގައި ކަމަށާއި ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800ޔުފިޔާ އަށް ކަމަށާއި އެހެންކަމުން އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެހެންނަމަވެސް މި ބަދަލާއި އެކީގައި އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އައުޝަން ވިދާޅުވި އެވެ.
އައުޝަން ވިދާޅުވީ ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރުފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ޓްރޭޑިންގއާއި ގުޅޭ ހުރިހާ ކަމެއް ވާނީ އޮންލައިން ކުރެވިފަ އެވެ. އަދި ހިއްސާ ގަނެވިއްކޭ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ. އަދި މި ދާއިރާއިން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފަހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށްއޮތްތަނުގައި ފުޅާ ކުރެވޭނީ. " - މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް
އައުޝަން ވިދާޅުވީ ރިސޯޓް ނުވަތަ ގެސްޓްހައުސް ލިސްޓްކޮށް ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ. އަދި ބީއެމްއެލްގެ މިސާލު ދައްކަވަމުން އައުޝަން ވިދާޅުވީ ލިސްޓްކޮށްފައިވާ ކުންފުނިތަކުން ވެސް ހިއްސާ އަށް މިފަދަ ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމުކަމެއް ކަމަށެވެ.