ENGLISH

26 މާރިޗު 2026

Advertisement

ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ ފުރިހަމަކަމެއް: ސީއެމްޑީއޭގެ ސީއީއޯ

25 މާރިޗު 2026

|

އައިމިނަތު ޝަފާ

ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު. ފޮޓޯ؛ ޕީއެސްއެމް

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަދައްކަމުން މަނިކު ވިދާޅުވީ ބީއެމްއެލްގެ ހިއްސާ 1 އިޒްޓު 10  ރޭޝިއޯ އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށްޖެހޭ އަގުހެޔޮވުމުން ހިއްސާ ގަނެ ވިއްކާ މިންވަރު އިތުރުވެ ފަހި ބަދަލުތަކެއް ހިއްސާގެ ބާޒާރަށް އަންނާނެ ކަމަށެވެ. ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީ މަތީ އަގެއްގައި ހިފެހެއްޓިފައި ކަމަށާއި އެހެންނަމަވެސް ހިއްސާގެ އަގު ކުޑަ ވެއްޖެނަމަ ބެންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވެގެންދާނެ ކަމަށް މަނިކު ވިދާޅުވި އެވެ.  

"ބޭންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓްވީމަ ހިއްސާގެ އަގުދަށްވެފައި އެ ވިއްކަން ފެށީމަ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރު ގުނައަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް." - ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު

މަނިކު ވިދާޅުވީ ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލްއިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ކުޑަވެގެން ދިއުމުން ހިއްސާ އަތްފޯރާ ފަށަށް އައިސް ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހިއްސާ ބާޒާރުގެ ތާރީޚަށް ބަލާއިރު ހިއްސާ ގަންނަން ބޭނުންވާ ފަރާތްތައް ގިނަކަމަށާއި އެހެންނަމަވެސް ހިއްސާ ވިއްކަން ބޭނުންވާ މީހުން މަދުކަން ފާހަގަކޮށް އައުޝަން ވިދާޅުވީ ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މާކެޓްގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އައުޝަން ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން އައުޝަން ވިދާޅުވީ ބީއެމްއެލްގެ 100 ހިއްސާ އޮންނަ މީހަކު އޭނާ އަށް ހިއްސާގެ ފައިދާގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭތީ އެ ވިއްކާލަން ބޭނުންނުވާކަމަށާއި އެހެނަސް މިބަދަލާއިއެކު އެ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ ކަމަށާއި، އެހެންކަމުން އޭގެތެރެއިން ބަޔެއް ވިއްކުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށެވެ.

ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ހިއްސާގެ ބާޒާރުގެ އަގު ތިރިވެގެންދާނެ ކަމަށާއި އަދި އައު ހިއްސާދާރުންނަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ބޮޑުވެ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށް އައުޝަން ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު