ENGLISH
24 މާރިޗު 2026
މާލެ ޓެކްސީ ފަށަން ކާރުތައް ގެންނަން ފަށައިފި، 150 ކާރު ގެންނާނެ
24 މާރިޗު 2026
|
މާލެ ޓެކްސީ ފަށަން ކާރުތައް ގެންނަން ފެށުން --
އެންމެ މަޤްބޫލު
ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިން "މާލެ ޓެކްސީ" ގައި ބޭނުންކުރާނެ ކާރުތައް ގެންނަން ފަށައިފި އެވެ.
އެގޮތުން ކާރުގެ ފުރަތަމަޝިޕްމަންޓް މިހާރު ވަނީ ހުޅުމާލެޕޯޓަށް ގެނެސްފަ އެވެ. އެމްޓީސީސީން ބުނީ ކާރުތައް ބޭލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން މިބުރުގައި 60 ކާރު ވަނީ ގެނެސްފަ އެވެ. ދެވަނަ ބުރުގައި 90 ކާރު ގެންނާނެ އެވެ. ސަރުކާރުން ޕްލޭން ކޮށްފައި އޮތީ ފުރަތަމަ ބުރުގައި 150 ކާރު ގެނެސް ޓެކްސީގެ ޚިދުމަތް ފެށުމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި 90 ކާރު ހިމެނޭ ދެވަނަޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިން މޮޑެލެއްގެ ކާރުތަކެވެ. އޭގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ގެންނަނީ ތައިލެންޑުންނެވެ. އަނެއް ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިންނެވެ. މިނިސްޓަރު ވިދާޅުވީ ކާރުތައް ރާއްޖެ ގެންނާނީ ދެ ބެޗަކަށް ކަމަށެވެ.
އެމްޓީސީސީއިން ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ނަގަން ވަނީ ނިންމާފަ އެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހަމަޖައްސާނީ ފުލްޓައިމްކޮށެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިހާރު ވަނީ ހޮޓްލައިން ވެސް ތައާރަފުކޮށްފަ އެވެ. މާލެ ޓެކްސީ ނަންބަރަކީ 1655 އެކެވެ.