ENGLISH

24 މާރިޗު 2026

Advertisement

ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ އަތޮޅުތަކަށް ލިބިގެންދާ ވަޒީފާގެ ބޮޑު ފުރުސަތެއް: އާދަމް ޝަރީފް

24 މާރިޗު 2026

|

ޢަލީ ޝަހީމް

ވަޒީރު އާދަމް ޝަރީފް އުމަރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އަތޮޅުތަކުގައި ޕަބްލިކް ވޯކްސް ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ޔުނިޓްތަކަކީ އަތޮޅުތަކަށް ލިބިގެންދާ ވަޒީފާގެ ބޮޑު ފުރުސަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް ވަނީ ވުޒާރާގެ އެންމެ ފަހުގެ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރައްވާފައެވެ. އެގޮތުން، މިހާރު ކުރިއަށްގެންދާ ޕަބްލިކް ވޯކްސް ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތުގެ ތަފްޞީލް ވަޒީރު ވަނީ ދެއްވާފައެވެ. 

ސަރުކާރުން އަންނަނީ އަތޮޅުތެރޭގައި 19 ޕަބްލިކް ވޯކްސް ޔުނިޓާއި 4 މޮބައިލް ޔުނިޓް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. 

ވަޒީރު ވިދާޅުވީ، ޕަބްލިކް ވޯކްސް ޔުނިޓްތަކަށާއި މޮބައިލް ޔުނިޓްތަކަށް ޖުމްލަ 516 ސިވިލް މުވައްޒަފުން ނަގާނެ ކަމަށެވެ. އެއީ ޕަބްލިކް ވޯކްސް 19 ޔުނިޓަށް 456 މުވައްޒަފުން އަދި މޮބައިލް ޔުނިޓްތަކަށް 60 މުވައްޒަފުންނެވެ. 

ހުރިހާ މުވައްޒަފުން ވެސް ނަގާނީ ސިވިލް ސަރވިސްގެ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން ކަމަށާއި، އެ މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

"މިއީ އަތޮޅުތަކަށް ލިބިގެންދާ ވަޒީފާގެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން ބޭނުން. އަދި މި ވަޒީފާތަކަކީ ސީދާ ސިވިލް ސަރވިސްގެ ތެރެއިން ހަމަޖައްސާ ވަޒީފާތައް ކަމަށްވާތީވެ އަޅުގަނޑުމެން މީހުން ނެގުމާއި މި މަސައްކަތްތައް ވެސް ކުރިއަށްދާނީ ސިވިލް ސަރވިސްގެ ތެރެއިން" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

މިހާތަނަށް ހއ. ދިއްދޫ، ނ. މަނަދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، ގއ. ވިލިނގިލި އަދި ތ. ވޭމަންޑޫއަށް މުވައްޒަފުން ނަގަން އެޕްރޫވަލް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 141 މުވައްޒަފުން ނެގުމުގެ ހުއްދަ މިހާތަނަށް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް ބޭނުންވާ އިދާރީ އެހެނިހެން ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މެޝިނަރީތައް ހިމެނޭހެން 9 އައިޓަމެއް ގެންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ސަރުކާރުގެ މުހިއްމު މި މަސައްކަތް ފުރިހަމަކުރުމަށް 9.1 މިލިއަން ޑޮލަރު ޚަރަދުވާނޭކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ. 

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރ. މާކުރަތަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕަބްލިކް ވޯކްސް ސައިޓްތައް ހެދުމަކީ ބޭކާރުވާ ޚަރަދެއް ނޫންކަމަށާއި، އަދި އެކަމަށް ޚަރަދު ކުރުމަކީ ކުރިއަށް އޮތްތަނުގައި ކޮންމެ ރަށެއްގައި ހުންނަ އިންފްރާސްޓަކްޗަރ ތަންތަން ބެލެހެއްޓުމުގައި ވަރަށް ބޮޑުތަން ޚަރަދު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު