ENGLISH

24 މާރިޗު 2026

Advertisement

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ވަކި ޕާޓީއަކަށް ލިބޭނެ މަންފާއެއް ނޯންނާނެ: ފަލާހް

23 މާރިޗު 2026

|

ޢަލީ ޝަހީމް

ކޮންހްރެސް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ފަލާހް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ވަކި ޕާޓީއަކަށް ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށާއި، އޭގެން ފައިދާ ވާނީ މުޅި ޤައުމަށް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޕީޖީ ލީޑަރު އަދި އިންތިޚާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރުކަން ކުރައްވަމުންގެންދަވާ އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. 

ފަލާހް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު މިއަދު މާފަންނު އުތުރު ދޮރުން ދޮރަށް ކުރިއަށްގެންދެވި ހަރަކާތުގައި ބައިވެރިވެވަޑައިގެން "އެމްއެމް" ޓީވީގެ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިޚާބުގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލާފައިވަނިކޮށް އިދިކޮޅު އެމްޑީޕީން އަންނަނީ އެ ވޯޓާ ދެކޮޅު ހަދަމުންނެވެ. 

މިއަދުގެ އިންޓަވިއުގައި ފަލާހް ވަނީ ސިޔާސީ މަންފާ ހޯދުމަށް އެފަދައިން ދައްކަވާ ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް އެދިވަޑައިގެންފައެވެ. ފަލާހް ވިދާޅުވީ "މިއުޅެނީ އާކަމެއް ކުރާކަށް ނޫން" ކަމަށާއި، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި މި ޕްރެކްޓިސް އޮންނަ ކަމަށެވެ. 

"ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ އެއްދުވަހާ ބާއްވައިގެން ވަކި ސިޔާސީ ޕާޓީއަކަށް ވަކި ވެރިއަކަށް ވަކި މީހަކަށް އޭގެން ލިބޭނެ މަންފާއެއް ނޯންނާނެ. އޭގެން ހަގީގަތުގައި މަންފާ ލިބެނީ މުޅި ގައުމާއި މި ގައުމުގަ ދިރިއުޅުއްވާ ރައްޔިތުންނަށް. އޭގެ މާނައަކީ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އެޑްވާންޓޭޖެއް އޮތްކަމަށް ވަންޏާ އެޑްވާންޓޭޖް ލިބޭނީ އެއްވަރަކަށް." ފަލާހް ވިދާޅުވިއެވެ. 

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަނީ ވަކި ބަޔަކަށް ވާދަނުކުރެވޭ ގޮތަކަށް ނޫން ކަމަށާއި، ހުރިހާ ޕާޓީއަކަށް ވާދަކުރެވޭއިރު އެ ހުރިހާ ޕާޓީއަކަށް ފަސޭހަތައް އޮންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. 

ދެ އިންތިޚާބު ވަކިވަކިން އޮތުމުން، ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސަމާލުކަން ހުއްޓެނީ އޭގެ ހަ މަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށް ފަލާހް ވިދާޅުވިއެވެ. އޭގެ ސަބަބުން ޤައުމުގައި ތަރައްޤީގައި ބޮޑެތި މަޝްރޫޢުތައް ހުއްޓޭ ކަމަށް ފަލާހް ވިދާޅުވިއެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިއްޖެކަމުގައި ވާނަމަ ފަސް އަހަރުން ގެއްލޭ 6 މަހުގެ މުއްދަތު ލިބިގެންދާނެކަމަށް އިންޓަވިއުގައި ފަލާހް ފާހަގަކުރައްވާއިފައެވެ. 

ކިޔުންތެރިންގެ ހިޔާލު