ENGLISH

22 މާރިޗު 2026

Advertisement

މާލޭގެ ޕާކުތަކާއި މައިޒާންތަކުން ފެންނަނީ އާޒިމްގެ އިހުމާލު: ނަރީޝް

22 މާރިޗު 2026

|

އައިމިނަތު ޝަފާ

ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލުމަށް ފަހު ވަގުތީގޮތުން ހުޅުވާލި ބައި. ފޮޓޯ؛ އެޗްޑީސީ

ވީރާނާވާން ދޫކޮއްލައިފައިވާ މާލެ ސިޓީގެ ޕާކުތަކާއި އެކި މައިޒާންތަކުން ފެންނާނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމުގެ އިހުމާލުކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެެ އެވެ. ‏

ނަރީޝް މިފަދައިން ވިދާޅުވިއިރު ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުސާ އަލީ ޖަލީލު ވަނީ ލޮނުޒިޔާރަތް ޕާކާއި އާޓިފިޝަލް ބީޗުގެ ހާލަތު ބައްލަވާލެއްވުމަށް އެ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާފަ އެވެ. 

ނަރީޝް ވިދާޅުވީ މާލޭގެ  ޕާކުތަކާއި އެކި މައިޒާންތަކުން ފެނިގެންދަނީ މާލޭގެ މޭޔަރުކަމަށް އާޒިމް ވަޑައިގަތުމަށްފަހު އެމަނިކުފާނު ބޭނުންވާހާ ގޮތަށް ކަންކަން ތަރުތީބުކުރުމުގެ ނަތީޖާ ކަމަށެވެ. 

"އަޅުގަނޑުމެންނަށް މިއަދު ބޭނުންވަނީ ގިނަ މީހުން ނުކުންނަ މިފަދަ ތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓާނެ މޭޔަރެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ދެއްކެވި ނަމޫނާ ދައްކަވާނެ އެ މަސައްކަތްޕުޅު ކުރައްވާނެ މޭޔަރަކު އިންތިހާބުކޮށްދެއްވުމަސް މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ. އެއީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު. މިހެން ތަންތަން ވީރާނާވާން ރައީސް ދުލެއް ނުކުރައްވާ. އެއީ ކޮން ސަރުކާރަކުން ހެދި ތަނެއްތޯވެސް ނުބައްލަވާ. ރައްޔިތުން އެތަންތަނުގެ ބޭނުން ހިފާނަމަ އެތަންތަން މަރާމާތުކޮށް ދަމަހައްޓަން ރައީސް އިސްކަން ދެއްވި. " - ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް

މާލޭގެ ޕާކުތަކާއި މައިޒާންތަށް އަބަދުވެސް މަރާމާތުކޮށް ބެލެހެއްޓުމަށް ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު ވަކި ހާއްސަ ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރެވި ކަމަށާއި މިހާލަތުން މިއަދު ބުނެދެނީ މިއަދު މާލޭގެ މޭޔަރަކަށް އައު ބޭފުޅަކު ބޭނުންވާކަން ކަމަށާއި އެބޭފުޅަކީ މޫސާ އަލީ ޖަލީލުކަމަށް ނަރީޝް ވިދާޅުވި އެވެ. 

މާލޭގެ ޕާކުތަކާއި މައިޒާންތައް އާބާތުރަފިލުވައި މަރާމަތުކޮށް ބެލެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވަރަށް ބޮޑަށް އިސްކަން ދެއްވި ކަންކަމެވެ. މާލޭގެ ރައްޔިތުން ހިތް ފަސޭހަކޮށްލުމަށް ނިކުމެ އުޅުމަށް މާލޭގައި ގާއިމުކޮށްފައިވާ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ ކަންކަން މަތިކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލާ އެވެ. ނަމަވެސް މިހާރު އޮތް ކައުންސިލަށް އެތަންތަން ނުބެލެހެއްޓޭކަމުގެ ޝަކުވާތައް ބޮޑުވެ ސަރުކާރުން ވަނީ ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަސީލަތްތަކާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ޤައުމީ ދިފާޢީ ބާރާއި ޙަވާލުކުރައްވާފަ އެވެ.

ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު