ENGLISH

22 މާރިޗު 2026

Advertisement

އިޖުތިމާޢީ ވުޒާރާގެ އައު ވެބްސައިޓް މެދުވެރިކޮށް ޓްރަސްޓް ފަންޑަށް އެހީ ދެވޭނެ އިންތިޒާމު ހަމަޖައްސައިފި

22 މާރިޗު 2026

|

އައިމިނަތު ޝަފާ

ކުޑަކުދިންތަކެއް. ޓްރަސްޓް ފަންޑުން އަންނަނީ ދައުލަތުން ބަލަހައްޓަމުންގެންދާ ކުދިންނާއި ދަތިހާލުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން. ފޮޓޯ؛ އައްޑޫ ލަައިވް.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު އެ ވުޒާރާގެ އާ ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެ ވުޒާރާއިން ބުނީ އެވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އައު ވެބްސައިޓެއް ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައިވާކަމަށާއި  "msfd.gov.mv" މެދުވެރިކޮށް މި ވެބްސައިޓަށް ވަދެވޭއިރު، މިއީ މި ވުޒާރާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ލުއިފަސޭހަ ވެބްސައިޓެއް ކަމަށެވެ.

އެގޮތުން، ވެބްސައިޓްގައި 'އެހީ ވަމާ' ބައިގެ ދަށުން ފެނިގެންދާ އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް އިން ބަލަހައްޓަމުންދާ 'ބަނޑޭރި ޕޭ' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮނޭޝަން ނުވަތަ އެހީ ބަލައިގަންނަމުންދާނެކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

 ޢާއިލާއަކަށް ކާންދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން.

• ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ އާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.

• ކުއްޖަކު ސްޕޮންސަރ ކުރުން: ސްޕޮންސަރޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ބައިވެރިވުން.

• ވޮލަންޓިއަރ ނުވަތަ އިންޓަރން އަކަށްވުން: މިނިސްޓްރީގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.

• އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ އާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.

ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހޯދައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފްޞީލުތައް ބެއްލުމަށް އައު ވެބްސައިޓް ބޭނުންކުރުމަށާއި މިއީ މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. 

ކިޔުންތެރިންގެ ހިޔާލު