ENGLISH

22 މާރިޗު 2026

Advertisement

ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފި، ވަޒީރު ދެެއްވީ ތެލާއި ގޭހާއި ކާޑު ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަޤީންކަން

22 މާރިޗު 2026

|

އަޙުމަދު ޙަމީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީން އިޤްތިސާދީ ވަޒީރު މުޙައްމަދު ސަޢީދު މިރޭ ދެއްވައިފި އެވެ.

ވަޒީރު އެ ޔަޤީންކަން ދެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

ވަޒީރު ސަޢީދުގެ ޕޯސްޓްގައި ވިދާޅުވީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ޙާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ގެންދަވާ ކަމަށެވެ.

އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމުގައި ވަޒީރު ފާހަގަ ކުރެއްވި އެވެ.

މިގޮތުން މި ހަފުތާވެސް މިހާރު ވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ކަމަށާ ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ވީމާ، މާތްﷲގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ," ވަޒީރުގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

އެމެރިކާއާ އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ވަނީ ނުރައްކާތެރި ހަނގުރާމައެއް ފެށިފަ އެވެ. އެކަމުގެ ސަަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަނީ ގިނަ ފިޔަވަޅުތައް އަޅުއްވަމުންނެވެ.

ޚާއްސަކޮށް އެސްޓީއޯގެ ފައިދާ ދަށްވީ ނަމަވެސް އަދި އެ ކުންފުންޏަށް ސަބްސިޑީ ދީގެން ވިޔަސް ތެލާއި ގޭސް އަދި އަސާސީ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ވަރަށް އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު