ENGLISH

22 މާރިޗު 2026

Advertisement

މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ޗައިނާގެ ސީއެމްއީސީއާއެކު އެއްބަސްވުންތަކެއް

21 މާރިޗު 2026

|

އައިމިނަތު ޝަފާ

މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. ފޮޓޯ؛ މިފްކޯ

މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. 

މިފްކޯ އިން ބުނީ އެ ކުންފުނީގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ޓަކައި، މިފްކޯ އާއި ސީ.އެމް.އީ.ސީއާ ދެމެދު ޖުމުލަ ތިން އެމް.އޯ.ޔޫ.އެއްގައި މިއަދު ސޮއިކޮށްފި އެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ރަސްމީޔާތުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ. ތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

މި އެމް.އޯ.ޔޫ ތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމު ކުރުމުގެ މަސައްކަތްތައް ހިމެނޭކަމަށް މިފްކޯއިން ބުނެއެވެ.

ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީ.އެމް.އީ.ސީ އާއި މިފްކޯއާއި ދެމެދު ސޮއި ކުރެވުނު މި ތިން އެމް.އޯ.ޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް މިފްކޯއިން އުއްމީދުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު