ENGLISH
22 މާރިޗު 2026
ބީއެމްއެލްގެ ހައުސިން މަޝްރޫއުގެ ތެރެއިން ޗައިނާގެ ސީއެމްސީން އަޅާ ފުލެޓުތަކުގެ ބިންގާ އަޅައިފި
21 މާރިޗު 2026
|
ބީއެމްއެލްއިން ސީއެމްސީއާ ހަވާލުކުރި ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ 3،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން (ސީއެމްއީސީ)އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ.
ހުޅުމާލޭގައި މި ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ސީއެމްސީއާ ހަވާލުކުރި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމާއި ސީއެމްއީސީގެ ވެރިންނެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުގެ އަމާޒަަކީ 2028 ވަނަ އަހަރުގެ މެދު ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމެވެ. ބީއެމްއެލްއިންވަނީ އެ ކުންފުނިން ހިންގާ ހައުސިން މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެއެް ހައުސިން ޔުނިޓުތައް އެޅުން ޗައިނާގެ އިތުރު ކުންފުންޏަކާއި ދިވެހި ބައެއް ކުންފުނިތަކާ ހަވާލުކޮށްފައެވެ.
ސީއެމްސީ ކުންފުންޏަކީ ވިނަރެސް ފުލެޓުތައް ތަރައްގީކުރި ކުންފުންޏެވެ. އަދި މިހާރުވެސް ގުޅިފަޅާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން ހިންގަމުންދެއެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭއިން އެކުލަވައިލި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ގަވާއިދުގެ ދަށުން، ބީއެމްއެލްއިންވަނީ އެފޯޑަބަލް ހައުސިން މަޝްރޫއުތައް ހިންގުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނީގެ ނަމުގައި ހާއްްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ.
މި ކުންފުނިން ހިންގާ ފުރަތަމަ މަޝްރޫއަކީ 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓުތައް ދޫކުރާނީ ސަރުކާރުން ތައާރަފުކޮށްފަައިވާ އެންމެންނަށް ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރު އިއުލާނުކޮށްފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ތެރެއިންނެވެ.
މިހާރު އެ ޕްރޮގުރާމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުންވަނީ ހުޅުވާލާފައެވެ. ބީއެމްއެލްއިން ތަރައްގީކުރާ ހައުސިން ޔުނިޓުތަކާއެކު ޖުމްލަ 7،500 ހައުސިން ޔުނިޓު މި ޕްރޮގުރާމުގެ ތެރެއިން ދޫކުރުމަށް ނިންމާފައިވެއެވެ.