ENGLISH
21 މާރިޗު 2026
މިއަދު މާރިޗު 21، އެމްޑީޕީން އިއުލާނުކުރި ބޮޑު މުޒާހަރާ ނުބޭއްވުނު
21 މާރިޗު 2026
|
އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން. ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނުކުރި ބޮޑު މުޒާހަރާ އެމްޑީޕީއަށް ނުބޭއްވުނު. ފޮޓޯ: އެމްޑީޕީ
އެންމެ މަޤްބޫލު
ރިފަރެންޑެމްއާ ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން އިއުލާނުކުރި ބޮޑު މުޒާހަރާ ނުބޭއްވި، އެކަން ފެއިލްވެގެން ނިމިއްޖެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް ހެދުމުގެ ގޮތުން ބޮޑު މުޒާހަރާއެއް ބާއްވާނެކަން އެމްޑީޕީން އިއުލާނުކުރީ މިދިޔަ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު، އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވަނީ އެދުވަހު ބޮޑު މުޒާހަރާ އިއުލާނުކޮށް، މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެދިވަޑައިގެންފައެވެ.
އެމްޑީޕީން މުޒާހަރާ އިއުލާނުކުރި ނަމަވެސް މިދިޔަ ދުވަސްތަކުގައި އެކަމާ ގުޅޭ މަސައްކަތްތަކެއް އެ ޕާޓީން ކޮށްފައިވާކަން އެނގޭކަށް ނެތެވެ. އެހެންވެ، ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި އެ އިއުލާނުގެ އެއްވެސް ފޯރިއެއް ނުހިފިއެވެ.
ހަމަނުޖެހުން އުފެދޭ ގޮތަށް މުޒާހަރާ ކުރުމުގެ ދިގު ތާރީހެއް އޮތް އެމްޑީޕީން މިފަހަރު އިއުލާނުކުރި މުޒާހަރާ ނުބޭއްވި ފެއިލްވުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ އެ ޕާޓީގެ ތާރީޚުގައި މިފަދަ ބޮޑު އިއުލާނެއްކޮށް މުޒާހަރާ ނުބޭއްވި ދިޔަ ފުރަތަމަ ފަހަރެވެ.
މުޒާހަރާ ބޭއްވުމުގައި އެމްޑީޕީ ފެއިލްވިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ތައްޔާރީތައް ވެސް ފެންނަނީ ދަށްކޮށެވެ. މިދުވަސްވަރު އެ ޕާޓީގެ މައިގަނޑު މަސައްކަތް ބިނާކޮށްފައިވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްވުރެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލުހޯދުމަށް ވޯޓު ނެގުން އޮންނާނީ އޭޕްރީލް ހަތަރު ވަނަ ދުވަހެވެ. އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމަށް ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ތާއީދުކޮށްފައެވެ. އެކަމާ އެންމެ ދެކޮޅު ހަދަނީ އެމްޑީޕީންނެވެ.
ބޮޑު މުޒާހަރާ ނުބޭއްވި ފެއިލްވިިއިރު، އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ރިފަރެންޑަމް ވޯޓާ ދެކޮޅު ހެދުމުގެ ގޮތުން ސިލްސިލާ ހަރަކާތްތަކެއް ކުރިއަށްގެންދަން ވެސް ނިންމާފައެވެ. އެ މަސައްކަތްކުރަން އެ ޕާޓީ ތެރެއިން ކޮމިޓީއެއްވެސް ހަމަޖައްސާފައިވެއެވެ. އެހެންނަމަވެސް އިންތިޚާބަށް ދެ ހަފްތާއަށް ވެފައިވާއިރު އެމްޑީޕީން އިއުލާނުކުރި އެއިން އެއްވެސް ކަމެއްގައި ކުލަޖެހޭ މަންޒަރެއް ފެނިފައެއްނުވެއެވެ.