ENGLISH
21 މާރިޗު 2026
އެސްޓީއޯއިން ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި
21 މާރިޗު 2026
|
އެސްޓީއޯ އިން ތެޔޮ ރައްކާކުރާ މާލެ އަތޮޅު ފުނަދޫ
އެންމެ މަޤްބޫލު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފި އެވެ.
"އެމްއެމްޓީވީީ"އަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ މިވަގުތަށް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެލުގެ އައު ޝިޕްމަންޓެއް މިއަދު މާލޭގައި ބަނދަރުކޮށްފައިވާކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުން ނެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ނިންމި ނަމަވެސް ހާލަތަށް ރިއާޔަތްކޮށް ތެލުގެ އަގަށް ބަދަލުތަކެއް ނުގެނައުމަށް ނިންމާފައިވެއެވެ.
އޭގެ އިތުރަށް އެސްޓީއޯއިން ބުނެފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކަމުން އައި އަގަށް އަދި އަތޮޅުތަކުގައި އެސްޓީއޯއިން ހިނގަމުންދާ ތެޔޮ ޝެޑްތަކުން ތެޔޮ ފޯރުކޮށްދޭ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަަށެވެ.
އާއްމުންނަށް މާލީ ގޮތުން އިތުރު ތަކުލީފުތަކެއް އުފުލަންނުޖެހޭނެކަން ކަށަވަރުކުރުމުގެ ގޮތުން ޕެޓްްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކާ ވިދިގެން އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލު ވިއްކާ އަގަށް ގެނައި ބަދަލުތަކަށްފަހު މިހާތަށް ތެލާއި ޑީސަލުގެ އަގަށް އިތުރު ބަދަލެއް ނުގެންނަކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރައްޔިތުންނަށް ތެޔޮ ލިބޭ އަގު ހެޔޮކުރުމުގެ ގޮތުން އެސްޓޯއީގެ ޑިވިޑެންޑުން ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވޭ މިންވަރު ބޭނުންކޮށްގެން ތެލުގެ އަގުހެޔޮކުރުމަށް މަސައްކަތްކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އޭގެ އިތުރަށް ތެލުގެ އަގުން ބޮޑުވާ ބައި ހެޔޮކުރުމަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.