ENGLISH
21 މާރިޗު 2026
ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި
21 މާރިޗު 2026
|
ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައްދަލުކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި އެވެ.
މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ހަރަކާތަކީ، 2000ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ގަރލް ގައިޑްސް އެސޯސިއޭޝަނުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު ޢީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް ޢީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މިގޮތުން ޢީދު ހަދިޔާ ބަދަލުކުރައްވައި، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ތެރެއިން، ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދަތުރުކޮށް މިހަރަކާތްތައް މެދު ނުކެނޑި ކުރިޔަށް ގެންދާތާ، މިއީ 27 ވަނަ އަހަރެވެ.