ENGLISH

21 މާރިޗު 2026

Advertisement

ކިރުވި މަހަށް ފައިސާ ދޫކުރުން: 10 ދޯންޏަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

21 މާރިޗު 2026

|

ފާތުމަތު އަދާ

މާރިޗު މަހުގެ 18 ވަނަ ދުވަހު މިފްކޯއަށް މަސްކިރުވި 10 ދޯންޏަކަށް 100,000 އަށްވުރެ ގިނަ ރުފިޔާ އިއްޔެ ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނިގޮތުގައި މާރިޗް 18 ވަނަ ދުވަހު ކިރުވި މަހަށް, 20 މާރިޗު ވަނަ ދުވަހު ޖަމާކޮށްފައިވަނީ 116،078 ރ. (އެއްލައްކަ ސޯޅަހާސް ހަތްދިހަ އަށްރުފިޔާ) އެވެ.

މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާތްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 8 ދޯންޏަކަށް 56،828 ރ. (ފަންސާސް ހަހާސް އަށްސަތޭކަ އަށާވީސް ރުފިޔާ) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޏަކަށް 11،900 (އެގާރަ ހާސް ނުވަސަތޭކަ ރުފިޔާ) ދޫކޮށްފައިވެއެވެ. އަދި، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 7 ދޯންޏަކަށް 47،350 ރ. (ސާޅީސް ހައްހާސް ތިން ސަތޭކަ ފަންސާސް ރުފިޔާ) ވަނީ ދޫކޮށްފައެވެ. 

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާގެ ބޮޑު ދަރަނި ހަލާސްކޮށް، މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. މި ނިޒާމަށް އައި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ދިރުމެއް ލިބި، މަސް ކިރުވާ މިންވަރާއި ބޭރުކުރާ މިންވަރު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު