ENGLISH
21 މާރިޗު 2026
ގއ. ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިފި
21 މާރިޗު 2026
|
ގެމަނަފުށީގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިޔަށްދަނީ-- ފޮޓޯ، އާރުޑީސީ
އެންމެ މަޤްބޫލު
ގއ. ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް، ފަށާފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
މި މަސައްކަތް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މި މަޝްރޫއު އަކީ ގެމަނަފުށީގެ ބޮޑެތި މަގުތަކަށް އިސްކަން ދީގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އެގޮތުން އެރަށުގެ މައިގަނޑު 4 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ މަގުތަކުގެ އީއައިއޭ ވަނީ ހަދާފައެވެ.
މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވުން ކޮންޓްރޯލްކޮށް ފެން ހިންދުމަށް ބޭނުންވާ ނިޒާމެއް މި މަޝްރޫއުގެތެރެއިން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގެމަނަފުށީގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިޔަށްދަނީ-- ފޮޓޯ، އާރުޑީސީ
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 76,166,435.47 ރުފިޔާއެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގައި ތާރުއަޅައިގެން މަގުތައް ތަރައްޤީ ކުރަން މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ. އޭގެ ބަދަލުގައި ލޯކަލް ޓޫރިޒަމް ހިންގަމުންދާ ރަށްރަށުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވަމުން އަންނަކަމަށްވެސް ސަރުކާރުންވިދާޅުވެއެވެ.