ENGLISH
21 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ބަންޑުން ޖަހާލައިގެން މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވި: އެމްޕީ އައިފާން
21 މާރިޗު 2026
|
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
ނިމިދިޔަ ސަރުކާރުގައި މުޅި ދައުލަތް ބަންޑުން ޖަހާލައިގެން ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަމުން ދިޔަ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިކަން މިގޮތަށްވިޔަ ނުދިނުން ކަމުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އައިފާން ވަނީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރިފަރެންޑަމް ވޯޓަށް އިދިކޮޅުން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.
އައިފާން ވިދާޅުވީ އިދިކޮޅުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދެ އިންތިކާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަމުންދާކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ދެ އިންތިޚާބު އެއްކޮށްލަން ނޫން ކަމަށެވެ. މި ދެ އިންތިޚާބު އެއްކޮށްލެވޭނެ އެއްވެސް ގޮތެއް ނެތްކަން ވިސްނާލައިފިނަމަ އެނގޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އައިފާން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނިޒާމު ގާއިމްކުރެވުނު ހިސާބުން ފެށިގެން މަޖިލިސް އިންތިޚާބު ބާއްވަމުން އައީ ރިޔާސީ އިންތިޚާބު ބާއްވާތާ ހަމަސް ދުވަސް ފަހުންކަމަށެވެ. އެހެންނަމަވެސް މިގޮތަށް އަމަލުކުރުމުގެ ސަބަބުން ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް ރައްޔިތުން ސަރުކާރަށް ކުރާ ކަމަށެވެ.
"އޭގެ ވަރަށް ސާފު ހެއްކެއް ދެއްތޯ ނިމިދިޔަ ސަރުކާރުގެ ތެރޭގައި އޭރުގެ މަޖިލިސް އިންތިޚާބުގައި ކަންތައްތައް ކުރި ގޮތް. އޭރުގައި ބޭއްވުނު ބައި އިލެކްޝަންތަކުގައި ކަންތައްތައް ކުރެވިގެންދިޔަ ގޮތަކީ އޭގެ ވަރަށް ސާފު ހެއްކެއް. އަޅުގަނޑުމެންނަށް ފެނުނު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ކަންތައްތައް ހިނގައި ދިޔަ ގޮތް. ރައްޔިތުން މިކަންކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުދޭ. މާލެ އަތޮޅު ގުރައިދޫ ދާއިރާގެވެސް ބައި އިލެކްޝަންގެ ކަންތައް ހިނގައިދިޔަ ގޮތް ވަރަށް ސާފު." - ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއިން ކަންކަން ކުރިގޮތް ފާހަގަކުރައްވައި އައިފާން ވިފާޅުވީ މަޖިލީހުން ސަރުކާރަށް ޖެއްސުންކުރުމަށް ކުރި މަސައްކަތްތައްވެސް ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ. މިކަންކަމަކީ ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަންކަމެއް ނޫން ކަމަށް އައިފާން ވިދާޚުވިއެވެ.
"ރައީސް ޑރ މުއިއްޒު އިންތިޚާބުވީދުވަހުން ފެށިގެން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރަށް ޖެއްސުންކުރަމުން އައީ. ރައީސްއަށް ހަގީގަތުގައި ރައްޔިތުންނަށް ޚިދުމަތްކުރަންވެސް ވަގުތު ނުދިނުމުގެ ބޭނުމުގައި މި ބޭފުޅުން ކުރަމުން އައި ކަންތައްތަކެއް މިއީ. އާޚިރުގައި މީގެ ހުރިހާ ގެއްލުމެއް ލިބުނީ ދިވެހި ގައުމަށް އަދި ރައްޔިތުންނަށް." - ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
ރާއްޖޭގެ އެންމެ ގިނަ ވޯޓުލުމަށް ނިކުންނަ އިންތިޚާބަކީ ރިޔާސީ އިންތިޚާބަށް ވާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހަށް އިންތިޚާބުކުރާނެ ބަޔަކު ނިންމަންވެސް ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް އައިފާން ވިދާޅުވިއެވެ. ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ރައްޔިތުން ނިކުމެ ކަންކަން ނިންމުން ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެކަން ފަހިކޮށްދިނުން ކަމަށް އައިފާން ވިދާޅުވިއެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާގުޅޭ ރިފަރެންޑަމް ވޯޓެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އިދިކޮޅުން ދަނީ މިކަނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.