ENGLISH
21 މާރިޗު 2026
މާވަށުން ރައީސަށް ބޮޑު ތާއީދެއް، ފެންނަނީ ވައުދަކަށްފަހު ވައުދެއް ފުދެމުންދާތަން
21 މާރިޗު 2026
|
ލ. މާވަށް
އެންމެ މަޤްބޫލު
ލ. މާވަށުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުން ވައުދަކަށްފަހު ވައުދެއް ފުދެމުންދާތަން ކަަމަށް އެ ރަށު ކައުންސިލުގެ ރައީސް އަޙުމަދު މޫސާ ވިދާޅުވެއްޖެ އެވެ.
"ފަރުއެމްއެމް"އަށް ދެއްވި ބަސްދީގަތުމެއްގައި އަހުމަދު މޫސާ ވިދާޅުވީ، މާވަށަކީ ރައީސް މުއިއްޒު ވަރަށް ގިނަ ވައުދުތަކެއް ވެފައިވާ ރަށެއްކަމަށާއި އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާތަން މުޅި ރަށުގެ އެކި ދިމަދިމާލުން ފެނިގެންދާކަމަށެވެ.
"މިހާރުވެސް ބައެއް ޕްރޮޖެކްޓުތައް އެހުރީ ފެށިފައި. އަނެއްބައި ޕްރޮޖެކްޓުތައް ފެށުމަށް ތަކެތި ރަށަށް ބާލަމުން އެދަނީ. މިހާރުވެސް ރަށުގެ ތިން ދިމާލަކުން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ރަށަށް ބޭލުމުގެ މަސައްކަތް ހިނގަމުން ދަނީ. " - މާވަށު ކައުންސިލުގެ ރައީސް އަޙުމަދު މޫސާ
އަޙުމަދު މޫސާ ވިދާޅުވީ ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، އެ ރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، ފުލުހުންގެ އިމާރާތެއް ގާއިމުކުރުމާއި، އައު ސުކޫލު އިމާރާތުގެ މަސައްކަތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގިކުރުމުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަމަށެވެ. އެމެރިކާ ޑޮލަރުން މުޢާމަލާތް ކުރެވޭނެ އޭޓީއެމްއެ ވެސް އެރަށަސް އިއްޔެ ގެންގޮސްފައިވާއިރު އެއީ ޢީދު ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވި ހަދިޔާއެއްކަމަށް އަޙުމަދު މޫސާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އުއްމީދުކަމަށްވާ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ހަލުއި މިނުގައި ކުރިއަށްދާއިރު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަލަށް އިތުރުކުރެވުނު 15 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފެށިފައިވާކަމަށާއި އުއްމީދަކީ 30 ހެކްތަރުގެ ބިން އަވަސް މުސްތަގުބަލެއްގައި ހިއްކާ ނިމި ރައްޔިތުންނަށް މަންފާ ވުން ކަމަށް އަޙުމަދު މޫސާ ވިދާޅުވި އެވެ.
އާބާދީގައި 2200 އެއްހާ މީހުން ދިރިއުޅޭ މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށު ކައުންސިލުން ފާހަގަކުރާ ގޮތުގައި އެ ރަށުގައި އެއްވެސް ކަމަކަށް ދޫކުރާނެ ބިމެއް މިހާރު ނެތްއިރު، ދިރިއުޅުމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރު ކުރިންނެވެ.
މާވަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ހިއްކަން ހަމަޖެހުނީ 15 ހެކްޓަރުގެ ބިމެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، އިތުރު 15 ހެކްޓަރު ހިމަނައިގެން ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމަވާފަ އެވެ
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.