ENGLISH

21 މާރިޗު 2026

Advertisement

ޚާމަނާއީގެ މެސެޖު؛ އައު އިގުތިސާދީ ވިސްނުމަކަށް މަގުފަހިކޮށް، އެއްބައިވަންތަކަމާއެކު ދެމިތިބޭ

21 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އީރާނުގެ އައު ރޫހާނީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ

އައު އިގުތިސާދީ ވިސްނުމަކަށް މަގުފަހިކުރުމާއެކު އީރާނުގެ ރައްޔިތުން އެކުވެރިކަމާއެކު ދެމިތިބުމަށް އެ ގައުމުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ ގޮވާލައްވައިފިއެވެ. 

ފާރިސީ އައު އަހަރުގެ މުނާސަބަތުގައި އީރާނުގެ ޓީވީން ދުރަށް ފޮނުވި ލިޔުއްވާފައި އޮތް ހިތާބެއްގައި ޚާމަނާއީވަނީ އީރާނުގެ ރައްޔިތުން ނައުރިޒް ފާހަގަކުރުމުގައި ދައްކުވައިދިން ސާބިތުކަމަށް ތާރީފުކުރައްވައި، މި ފެށޭ އައު އަހަރަކީ ގައުމީ އެއްބައިވަންތަކަމާއި ގައުމީ ސަލާމަތުގެ ހިޔަލުގައި އައު ވިސްނުމަކުން އިގުތިސާދު ތަރުތީބުކުރުމުގެ އަހަރަކަށް ހައްދަވާނެ ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ އީރާނުގެ ރައްޔިތުންގެ މެދުގައި އޮތް ދީނީ، ފިކުރީ، ސަގާފީ އަދި ސިޔާސީ ހުރިހާ ތަފާތުތަކާއެކުވެސް އުފެދިފައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން އެ ގައުމުގެ ދުޝްމަނުން ހަނގުރާމާގައި ބަލިވެފައިވާ ކަމަށެވެ. 

ކުރީގެ އެންމެ މަތީ ލީޑަރު އަދި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމަށްފަހު އެ ގައުމުގެ ރޫހާނީ ލީޑަރުގެ މަގާމާ މުޖުތަބާ ހަވާލުވެވަޑައިގަތް ފަހުން އެއްވެސް ވަސީލަތެއްގެ ޒަރީއާއިން އެމަނިކުފާނު އާއްމުންނަށް ފެނިފައިނުވެއެވެ. 

މުޖުތަބާ ވިދާޅުވި ގޮތުގައި އެމެރިކާއާއި އިސްރާއީލުން ހީކުރީ އީރާނަށް ދެތިން ދުވަހު ހަމަލާތަކެއް ދީ އެ ގައުމުގެ ސިޔާސީ އަދި އަސްކަރީ ވެރިންތަކެއް އަވަހާރަކޮށްލުމުން އީރާނު ރައްޔިތުން މަގުތަކަށް ނުކުމެ އެ ގައުމުގެ ވެރިކަމުގެ ނިޒާމު ފުރޮޅައިލާ އިންގިލާބުކުރާނެ ކަމަށެވެ. ނަމަވެސް އެފަދައިން އެކަން ނުހިނގުމުގެ އަދުއްވުންގެ މެދުގައި ނުތަނަވަސްކަން އުފެދުނުކަމަށްވެސް ވިދާޅުވިއެވެ. 

ތުރުކީއާއި އޮމާނަށް އީރާނުން ހަމަލާދިންކަމަށް ބުނެވޭ ވާހަކަތައް ދޮގުކުރައްވަމުން އޭނާ ވިދާޅުވީ އެއީ އެ ގައުމުތަކާއި އީރާނުގެ މެދުގައި އޮތް ގުޅުން ހީނަރުކުރުމުގެ ގަސްތުގައި އެހެން ބަޔަކު ދިން ހަމަލާތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާނުގެ ބޮލުގައި އެޅުވުމަށް އެހެން ގައުމުތަކަށްވެސް މިފަދަ ހަމަލާތަކެއް ދީފާނެ ކަމުގައި ގަބޫލުކުރައްވާކަމަށް އައު ލީޑަރު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އީރާނާ އަވައްޓެރި ދެ ގައުމުކަމަަށްވާ ޕާކިސްތާނާއި އަފްޣާނިސްތާނުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް އުހުއްވަތްތެރި ގުޅުން އަލުން އިއާދަކުރުމަށް ދެ ގައުމަށް ވަސިއްޔަތްކުރައްވަމުން، އެ ދެ ގައުމުގެ މެދުގައި ސުލްހަކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް މުޖުތަބާ ހުށަހަޅުއްވާފައިވެއެވެ. 

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ނައުރިޒްގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީވަނީ ނިއުކުލިއާ ހަތިޔާރާ ދެކޮޅަށް ފަތުވާއެއް ނެރުއްވާފަައެވެ.‌

އިތުރަށް ޕެޒެޝްކިއަންވަނީ އަވައްޓެރި ގައުމުތަކާ ހަނގުރާމަކުރުމަށް އީރާނުން ނޭދޭކަން ތަކުރާރުކުރައްވައި، އެ ގައުމުތަކަކީ އުހުއްވަތްތެރި ގުޅުމުން އީރާނާ ގުޅިފައިވާ ގައުމުތަކެއް ކަމަށާއި، މިހާރު އުފެދިފައިވާ ހާލަތަކީ އަދުއްވުން އުފައްދާފައިވާ ހާލަތެއް ކަމުގައި ވިދާޅުވެފައެވެ. އަދި އީރާނު އޮތީ އެ ގައުމުތަކާއެކު އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ. 

މީގެ އިތުރަށް ޕެޒިޝްކިއަންވަނީ އިސްލާމީ ގައުމުތައް ބައިވެރިވެގެން މަޝްވަރާގެ މަތިން މެދުއިރުމަތީގެ ސުލްހައާއި ސަލާމަތަށްޓަކައި ސަލާމަތީ ހާއްސަ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފަައެވެ. އަދި މެދުއިރުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭރުގެ އެހެން ބަޔަކު އެ ސަރަހައްދުގައި ތިބުމަކީ ބޭނުމެއް އޮތް ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު