ENGLISH
21 މާރިޗު 2026
ޢީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް، ހަރަކާތްތަކުގައި މިއަދުވެސް ބައިވެރިވެވޭނެ
21 މާރިޗު 2026
|
ޢީދު ހަވީރު 1447ގެ ތެރެއިން.
އެންމެ މަޤްބޫލު
ބަރަކާތްތެރި ފިތުރުޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބާއްވަމުންދާ "ޢީދު ހަވީރު 1447" ގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އިއްޔެ ހަވީރު، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް ދޭއްގެ ހިޔާ ޕާކް އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ.
އެގޮތުން ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ސިވެކް އިން ކުރިޔަށްގެންދިޔަ ފޯރމް ޕޫލް ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި، އެމްއެންޑީއެފް މެރިން ކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، ސްޕެޝަލް އޮޕަރޭޝަން ގްރޫޕްއިން ކުރިއަށް ގެންދާ އޯވަހެޑް އޮބްސްޓިކަލް ކްރޮސިންގެ އިތުރުން ސްޕެޝަލް ފޯސަސްއިން ކުޑަކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ސިފައިން ވަނީ ފަހިކޮށްދީފަ އެވެ. އެމްއެންޑީއެފުން ބުނީ އެ ހިދުމަތުގެ އެރއަރ ކޯރއިން ޔޫއޭވީ ޑިސްޕްލޭގެ އިތުރުން ސިމިއުލޭޓަރ ތަޖުރިބާކުރުމާއި، އެއަރ ޕިސްޓަލް އަދި އެއަރ ރައިފަލުން ޝޫޓްކޮށްލުމުގެ ފުރުޞަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޓޯލުން ތަޖުރިބާކޮށްލުމާއި، ކުޑަކުދިންނާ ގުޅޭ އިހުޒަމާނުގެ ފުލޯކް ވާހަކަތަކުގައި އުޅޭ ބައެއް މީހުންގެ ސިފަ ދައްކުވައިދިނުމަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ދިވެހި ސިފައިންގެ ކުލަބުން ޕެނަލްޓީ ޝޫޓްއައުޓް ތަޖުރިބާކުރުމުގެ ހަރަކާތް ވެސް ކުރިއަށްގެންގޮސްފައި ވާކަމަށެވެ.
މީގެ އިތުރުން މަސައްކަތްތެރިކަމުގައި ބޭނުންކުރާ އެކިއެކި އާލާތްތައް ބޭނުންކުރުމުގެ ތަޖުރިބާކޮށްލުމަށް އެމްއެންޑީއެފް ސަރވިސް ކޯރއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ސަޤާފީ ހަރަކާތްތަކެއް ވަނީ ހުށަހަޅައިދީފައި ވާކަމަށެވެ.
ބަރަކާތްތެރި ފިތުރު ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" ގެ ހަރަކާތްތައް މިއަދާއި މާދަމާ ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، މި ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ނެވެ.