ENGLISH
21 މާރިޗު 2026
ގިރާވަރުފަޅު ބިން ހިއްކުން އޭޕްރީލުގައި ނިންމާލައި ޖޫން މަހު ގޯތިތައް ހަވާލުކުރާނަން: ރައީސް
21 މާރިޗު 2026
|
ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން.
އެންމެ މަޤްބޫލު
ގިރާވަރުފަޅު ބިން ހިއްކުން އޭޕްރީލުގައި ނިންމާލައި ޖޫން މަހު ގޯތިތައް ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަންޒަރު ފެންނަ ފޮޓޯގަނޑަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ފޮޓޯގަނޑުން ފެންނަނީ ގިރާވަރުފަޅު ބިން ހިއްކުން މިހާރު ކުރިޔަށް ގޮަސްފައިވާ ހިސާބު ކަމަށެވެ. ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް އޭޕްރިލް މަހު އެއްކޮށް ނިންމާލައި ، ސަރވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނޭކަމަށެވެ.
ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާކަން ރައީސް ހާމަކުރެއްވީ މިދިޔަ ފެބުރުއަރީމަހުގެ ތެރޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ.
މި ސަރަހައްދުގައި 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް އެތަނުން ހިއްކިފައި އޮތީ 56 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިއްކަންޖެހެނީ ފުން ސަރަހައްދުތަކެކެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ލިބުނު ގޯތި ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުން 1،250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރަށް 2450 އަކަފޫޓުގެ އެއް ގޯތި ދޫކޮށްފައިވެއެވެ.
މާލޭ ސަރަހައްދުން ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ގޯތި ދޫކުރި ނަމަވެސް އެ ގޯތި ދޫކުރި ފަޅުތައް ހިއްކުމުގެ މަސައްކަަތް އޮތީ ނުކުރެވިއެވެ. ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދަވަންވަނީ ފައްޓަވާފަ އެވެ.
އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ބިން ހިއްކަވައި ނިންމެވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފުށިދިއްގަރުފަަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ޒަމާނީ ސިޓީއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުން ނެވެ.