ENGLISH

21 މާރިޗު 2026

Advertisement

އީރާނު ހަނގުރާމައަކީ ތާރީހުގައި ދުނިޔޭގެ ހަކަތައަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ: އައިއީއޭ

21 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އީރާނުގެ ދެކުނު ޕާސް ގޭސްފީލްޑަށް އިސްރާއީލުން ދިން ހަމަލާތަކަށްފަހު އެތަނުގައި އަލިފާން ރޯވެފައި، ފޮޓޯ: ރޮއިޓާސް

އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި އުދުވާނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ކުރިމަތިވި ލޮޅުމަކީ މިހާތަނަށް ދުނިޔޭގެ ތާރީހުގައި ހަކަތައިގެ ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާކަމަށް ސިފަކުރުމާއެކު، ގަލްފުގެ ގައުމުތަކުން ތެލާއި ގޭސް ކުރިއެކޭ އެއް މިންވަރަށް އުފެއްދުމަށް ހަ މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ހޭދަވެދާނެކަމަށް ބައިނަަލްއަގުވާމީ ހަކަތައާ ބެހޭ އިދާރާ (އިންޓަނޭޝަނަލް އެނާޖީ އެޖެންސީ)އިން ބުނެފިއެވެ. 

ދުނިޔޭގެ ގޭހާއި ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުއްޓުމަކަށް އައުމާ ގުޅިގެން ހަކަތައިގެ ވަސީލަތްތައް އެކަށީގެންވާ ގޮތަކަށް ދުނިޔޭގައި ދައުރުކުރާކަން ކަށަވަަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އައިއީއޭގެ އިސްވެރިއެއްގެ ހައިސިއްޔަތުން ބޮޑު ދައުރެއް އަދާކުރައްވަމުންދާ ފާތިހު ބިރޯލް ވިދާޅުވީ އީރާނު ހަނގުރާމައަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކަމށެވެ. 

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޔޫރަޕަށް ކުރިމަތިވި ގޭސް ނުލިބުމުގެ މައްސަލަތަކުން އަރައިގަތުމުގައި އެ ބައްރުގެ ގައުމުތަކަށް އިރުޝާދުދެެއްވައި އެހީތެރިކަން ފޯރުކޮށްދެއްވި ބިރޯލް ވިދާޅުވި ގޮތުގައި އީރާނު ހަނގުރާމަައިގެ ސަބަބުން ބާޒާރުން އުނިވި ގޭހުގެ މިންވަރު ރަޝިޔާ-ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ބާޒާރުން އުނިވި ގޭހުގެ މިންވަރަށްވުރެ ދެގުނަ އިތުރުކަމށެވެ. 

1970 ގައި ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުންތަކާއެކު އެކި ގައުމުތަކުގެ އިގުތިސާދުތައް ރިސެޝަނަށް ހުށަހެޅި ތެޔޮ ބޭނުންކުރުމުގައި ހިފަހެއްޓުންތަކެއް ތަންފީޒުކުރަންޖެހުނު ދަނޑިވަޅު ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރެމުންދިޔަ މިންވަރު މަދުވި ވަރަށްވުރެ މި ހަނގުރާމައިގެ ސަބަބުން ތެޔޮ ނެރުނު މިންވަރު މަދުވެފައިވާ މިންވަރު މާ ބޮޑަށް އިތުރުކަމަށް ބިރޯލް ވިދާޅުވިއެވެ. 

މި ހަފުތާގަައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް މަތިވެފައިވާއިރު، އިސްރާއީލުން އީރާނުގެ ތެލާއި ގޭސް އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެން ރައްދުގައި ހަލީޖުގެ އެކި ގައުމުތަކުގައި ހުރި ތެޔޮ މަރުކަޒުތަކަށް އީރާނުން ހަމަލާދީފައިވެއެވެ. 

ބިރޯލް ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުންނާއި ވިޔަފާރިތަކުންވެސް މި ހަނގުރާމައިގެ އަސަރު އަދިވެސް ހިސާބުކުރައްވަނީ ރަނގަޅަކަށް ނޫނެވެ. އޭނާ ވިދާޅުވީ އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ ކޮންމެ ދުވަހަކީ ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ލޮޅުންތައް އަރަމުންދާނެ ދުވަހެއްކަމަށާއި، އަދި މައްސަލަތައް އިތުރަށް ފުންވެ ބޮޑުވެގެންދާނެ ދުވަހެއް ކަމަށެވެ. 

ހުރުމުޒް ކަނޑުއޮޅި ހުޅުވި ނަމަވެސް ހަލާކުވެ ގެއްލުންވެފައިވާ ތެލާއި ގޭސް ނަގައި ސާފުކޮށް އުފައްދާ ތަންތަން ކުރިއެކޭ އެއް ހާލަތަކަށް ގެނައުމަށް އެތައް ދުވަހެއް ނަގާނެކަން ފާހަގަކުރައްވަމުން ބިރޯލް ވިދާޅުވީ އެތަންތަން ފުރިހަމަ ކެޕޭސިޓީގައި މަސައްކަތްނުކޮށް ދިގުލައިގެންދާނަމަ އެކަމުން ކުރާ އަސަރުތައް ދުނިޔޭގެ އިގުތިސާދުގެ އެންމެ ފުނަށް ފޯރާނެ ކަމަށެވެ. 

އެއާލައިންތަކާއި ޝިޕިން ކުންފުނިތަކުން އަންނަނީ ތެޔޮ ލިބުން ދަތިވެދާނެކަމަށް ބަލައި ތައްޔާރުވަމުންނެވެ. ޗައިނާއިން ޑީސަލާއި ގަސްކާނާ ބޭރުކުރުން މަނާކޮށްފައިވައިރު، ބައެއް ގައުމުތަކުން ތެޔޮ ބޭނުންކުރުމަށް ދޫކުރާ މިންވަރު ހިފަހައްޓަންވަނީ ފަށާފއެވެ. ބައެއް ގައުމުތަކުގައި މިހާރު މަސައްކަތްކުރަނީ ހަފުތާއަކު ހަތަރު ދުވަހެވެ. 

މުހައްލިލުން ވިދާޅުވާ ގޮތުގައި އޭޕްރީލު މަހުގެ ފަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރުން މައްޗަށް  އެރުމުގެ ފުރުސަތު ބޮޑެވެ. ތެލުގެ އަގަށް އަންނާނެ ބަދަލާމެދު ސާފު ޖަވާބެއް ނުދެއްވައި ބިރޯލް ވިދާޅުވީ، ހުރުމުޒު ބަންދުކޮށްފައި އޮންނަނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގު މަތިވަމުންދާނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ. 

ބިރޯލް ފާހަގަކުރެއްވި ގޮތުން ގަސްކާނާއާއި ހީލިއަމްއާއި ޕެޓްރޯކެމިކަލްތަަކަކީ ދުނިޔޭގެ އިގުތިސާދަށް ނުހަނު ބޭނުންތެރި ޒަރޫރީ ތަކެއްޗަށްވާއިރު މިތަކެތި ދުނިޔޭގެ ބާޒާރަށް ވާސިލުވުމުގެ އެންމެ މުހިއްމު މަގަކީ ހުރްމުޒް ކަނޑުއޮޅިއެވެ. އެހެންކަމުން އެތަން ބަންދުކޮށްފަައި އޮތުމުން މި ތަކެއްޗާ ގުޅިފައިހުރި އެކި ދާއިރާތަކަށް ބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު