ENGLISH

21 މާރިޗު 2026

Advertisement

ހަކަތަަ އުފައްދާ ތަންތަނަަށް ހަމަލާ ނުދިނުމަށް އެމެރިކާއަށް ނަސޭހަތްދެއްވިކަމަށް ޤަޠަރު އެނާޖީގެ ސީއީއޯ ވިދާޅުވެއްޖެ

21 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ގަތަރުން ދިޔައި ތަބީއީ ގޭސް އުފެއްދުމަށް ބޭނުންކުރާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ، ފޮޓޯ: ރޮއިޓާސް

އީރާނަށް ދޭ ހަމަަލާއެއްގެ ރައްދުގައި އެ ގައުމުން ތެލާއި ގޭސް އުފައްދާ ތަންތަނަަށް ހަމަލާ ދޭން ފަށައިފިނަމަ ނުކުންނާނޭ ނަތީޖާތަކާ ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލުންނާއި ތަޔޮ ކުންފުނިތަކުގެ ވެރިންނަށް އިންޒާރުކުރައްވައި އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ ނުރައްކާތެރިކަމާމެދު ނަސޭހަތްތެރިވެވަޑައިގެންނެވިކަމަށް ޤަޠަރު-އެނާޖީގެ ސީއީއޯ ސަޢުދުލް ކަޢުބީ ވިދާޅުވެއްޖެއެވެ. 

ރޮއިޓާސް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އެ ކުންފުންޏާ ގުޅިފައިވާ ތެލާއި ގޭސް ކުންފުނިތަކުގެ ވެރިންނަށާއި އެމެރިކާގެ ހަކަތައާ ބެހޭ ސެކްރެޓަރީ ކްރިސް ރައިޓްއަށް މިފަދަ ހަމަލާއަކުން ލިބިދާނެ ގެއްލުންތަކާއި ކުރިމަތިވެދާނެ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ގެންދެވި ކަމަށެވެ. 

"އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ (ތެލާއި ގޭސް މަރުކަޒުތަކަށް) ހަމަލާ ދިނުމުގެ ނުރައްކާ. ކޮންމެ ދުވަހަކުހެން އެފަދަ ހަމަލާއެއް ނުދީ ގޭހާއި ތެޔޮ އުފައްދާ މަރުކަޒުތަކާ ދުރުން ހަމަލާތައް ކުރިއަށްގެންދިއުމަށް ހަނދާންކޮށްދެމުން އަޅުގަނޑު ގެންދިޔައިން،" އަލްކަޢުބީ ވިދާޅުވިއެވެ. 

އިސްރާއީލާއި އެމެރިކާއިން ފެބްރުއަރީ މަހުގެ ފަހުކޮޅުގައި މި ހަނގުރާމަ ފެށިފަހުން ތެޔޮ ޓޭންކަރުތަކާއި ރިފައިނަރީތަކުގެ އިތުރަށް އެހެނިހެން ތެލާއި ގޭހާ ގުޅޭ މުހިއްމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ދެ ފަރާތުންވެސް ދީފައިވެއެވެ.‌

ބުދަދުވަހު އިސްރާއީލުން ސައުތް ޕާސްގެ ގޭސްފީލްޑަށް ދިން ހަމަލާގެ ރައްދުގައި އީރާނުންވަނީ މެދުއިރުމަތީގައި ހުރި މުހިއްމު ތެލާ ގުޅޭ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ކުވައިތާއި ގަތަރާއި، ޔޫއޭއީގެ ތެލާ ގުޅޭ އުމްރާނީ ވަސީލަތްތައް ހިމެނެއެވެ. 

އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ވިދާޅުވެފައިވަނީ އިސްރާއީލުން ޕާސް ގޭސްފީލްޑަށް ހަމަލާދިނީ އެމެރިކާއަށް ކުރިއާލަައި އެންގުމަށްފަހު ނޫން ކަމަށެވެ. އަދި އަލްކަޢުބީ ވިދާޅުވީ އެފަދަ ހަމަލާއެއް ދޭން އިސްރާއީލުން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. 

އެ ހަމަލާގެ ރައްދުގައި އީރާނުން ދިން ހަމަލާތަކާ ގުޅިގެން ކުރިއަށް އޮތް ފަސް އަހަރު، ދިޔައި ތަބީއީ ގޭސް ޔޫރަޕާއި އޭޝިޔާއަށް ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކަށް އަސަރުކުރާނެ ކަމަށާއި، ލިކުއިޑް ގޭސް އުފެއްދުމުގައި ގަތަރުގެ ގާބިލުކަން 17 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އަލްކަޢުބީ ވިދާޅުވިއެވެ. 

ދިޔައި ހާލަތުގައި ގޭސް އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ގޭސް ސާފުކޮށް ގަނޑުކުރުމަށް ބޭނުންކުރާ މެޝިންތަކަށް ގެއްލުންވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަލްކަޢުބީގެ ވާހަކަފުޅާ ގުޅިގެން ވައިޓްހައުސްގެ ތަރުޖަމާނު ޓޭލާ ރޮޖާ ވިދާޅުވީ މި ހަނގުރާމަައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުންތަކެއް އަންނާނެކަން އެނގޭ ކަމަށާއި، އަދި އެކަންކަމަށް ކުރިއާލައި ތައްޔާރުވެފައިވާ ކަމަށެވެ. 

ކަޢުބީ ވިދާޅުވި ގޮތުގައި ގަތަރަށް ގޭހާއި ތެޔޮ އުފައްދަންް އަލުން ފެށޭނީ ހަނގުރާމަ ހުއްޓުމަކަށް އައިސްގެންނެވެ. ހަނގުރާމަ ހުއްޓުމަކަށް އައި ނަމަވެސް ކުރިއެކޭ އެއް މިންވަރަށް ގަތަރްއެނާޖީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ތިން މަހާއި ފަސް މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމުގައިވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު