ENGLISH

21 މާރިޗު 2026

Advertisement

ހޫނު މޫސުމުގައި ޔޫރަޕާއި ރާއްޖެ ގުޅާލަދިނުމަށް ކޮންޑޯ އެއާލައިން ތައްޔާރުވަނީ

21 މާރިޗު 2026

|

އައިމިނަތު ޝަފާ

ކޮންޑޯ އެއާލައިން

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ޖަރުމަނުވިލާތުގެ މަޝްހޫރު އެއާލައިން އެއް ކަމަށްވާ ކޮންޑޯ އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ. 

ކޮންޑޯގެ 2026 ވަނަ އަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގައިވާ ގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އަދި މި އޮޕަރޭޝަންތައް ކުރިއަށްދާނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށްވެސް އެ އެއާލައިނުން މައުލޫމާތު ދެއެވެ.

މި ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވަނީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށް ކޮންޑޯއިން މައުލޫމާތު ދެއެވެ. އަދި ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓަށް ވާއިރު، މި ފެށޭ ދަތުރުތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް ވެސް އެ އެއަރލައިނުން ބުނެފައި ވެއެވެ. 

ހޫނު މޫސުމަކީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ހެޔޮ އަގުތަކެއްގައި ޕެކޭޖުތައް ހުށަހަޅާ ދުވަސްވަރަކަށް ވުމާއެކު، ފްރެންކްފާާޓުން ސީދާ ދަތުރުތައް ފެށުމުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ފަތުރުވެރިންނަށްވެސް ރާއްޖެއަށް އައުމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބައެއް ދަތިތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ޔޫރަޕުން ރާއްޖެއަށް ސީދާ ދަތުރުތައް އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ކޮންޑޯގެ މި ދަތުރުތަކާއެކު 2026 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަންގައި ޖަރުމަނު މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު