ENGLISH
20 މާރިޗު 2026
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް ރައީސް ބައްލަވާލައްވައިފި
20 މާރިޗު 2026
|
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން. ފޮޓޯ؛ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މަޢުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ވަޒަންކުރެއްވި ކަމަށެވެ
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފާހަގަކުރާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައިކަމަށް ވެސް އެ އޮފީހުން މައުލޫމާތުދެއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްގެ އިތުރުން ޝޫޓިންގ ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ޤައުމީ ދިފާޢީ ބާރާއި ޙަވާލުކުރައްވާފަ އެވެ.
ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.