ENGLISH

20 މާރިޗު 2026

Advertisement

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަނޭ: ހުކުރު ޚުޠުބާ

20 މާރިޗު 2026

|

މުޙައްމަދު އަދުހަމް

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، މާތް اللهއަށް ނިޔަތް ޚާލިޞްކޮށް ކިޔަމަންތެރިވުމުގައި އަހަރެމެން ހޭދަކުރަނީ ކިހައި ވަގުތެއްތޯ ހިސާބުކުރާންޖެހޭ ކަމަށެވެ.

އީމާންކަމުގެ ރުކުންތައް ހިތުގައި ކަށަވަރުވެފައިވޭތޯއާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރެވޭތޯ ކަށަވަރުކުރާންޖެހޭ ކަމަށާއި، އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ފުރިހަމަކުރުމަށް ޙަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހޭ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

"ޤުރްއާންކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ވެރީންނަށް އިޙުތިރާމުކޮށް ކިޔަމަންގަތުމާއި ގާތްތިމާގެމީހުންނަށް އެހީތެރިވެ، ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުން ފަދަ ދީނުގެ ކަންތައްތަކަށް ރައްކާތެރިވުމަށް ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލާން ޖެހެއެވެ. އަދި މާތް اللهއަށް އުރެދުމުގައި، ހަޔާތުން ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ވެސް ދެނެގަންނާން ޖެހެއެވެ." ޚުޠުބާގައި ބުންޏެވެ.

ކޮންމެ ދުވަހަކީ މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށާއި، އެ ނިޢުމަތްތަކާ މެދު ވިސްނައި ފިކުރުކުރާން ޖެހޭ ދުވަހެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށާއި، މާތް الله ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ ވެސް ވަގުތުގެ ނިޢުމަތް ކަމުގައި ޚުޠުބާގައި ބުންޏެވެ.

ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ޙާލަތެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކޮށް، ޚުޠުބާގައި ބުނީ އޭގެތެރެއިން ފުރަތަމަ ޙާލަތަކީ މަރު އައިސް އިންސާނާއާ ބައްދަލުކުރާ ޙާލަތް ކަމަށެވެ. އަދި، ދެވަނަ ޙާލަތަކީ: ޤިޔާމަތްދުވަހު اللهއަށް އުރެދުނު އިންސާނާ އެކަލާނގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނޭ ޙާލަތްކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

"ހެޔޮގޮތުގައި ވަގުތު ހޭދަކުރާށެވެ! މަސައްކަތްތެރީން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވާށެވެ! އަދި ހަމައެހެންމެ ދަރިވަރުންވެސް ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ގަދައަޅައި މަސައްކަތްކުރާށެވެ! ފިލާވަޅުތައް ފަހަށް ނުބަހައްޓައި ދުވަހުން ދުވަހަށް ދަސްކޮށް މުޠާލިޢާކުރާށެވެ! ތަޢުލީމީ ޙަޔާތުގެ ކާމިޔާބުގެ އަލީގައި ދުންޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް އަވަހަށް މަސައްކަތް ފަށާށެވެ!" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެއް ކަމަށާއި، ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ތިބާއަށް الله ދެއްވި ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށް، ދުނިޔޭގައި ތިބާ ވަގުތު ހޭދަކުރި ގޮތުގެ ހިސާބު ޤިޔާމަތްދުވަހުން ބެއްލެވި، އެ ކަމުގެ ޖަޒާ ތިބާއަށް ފުރިހަމައަށް ދެއްވޭނޭކަން ހަނދާންކުރުމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ޙަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރުމަށާއި، މާތް اللهގެ މި ބަސްފުޅާ މެދު ވިސްނައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު