ENGLISH
20 މާރިޗު 2026
ޢީދު ތަހުނިޔާ ވިދާޅުވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައި، ޢީދު ސަލާން ކުރައްވައިފި
20 މާރިޗު 2026
|
ރައީސްގެ ދެ ކަނބަލުން އީދު ސަލާން ކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ފިޠުރު ޢީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދު ސަލާން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މުލީއާގޭގައި ބޭއްވެވި ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވި ކަމަށެވެ.
މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދު ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.
އެ އޮފީހުން ބުނީ ޢީދު ދުވަހާ ގުޅިގެން، ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުރިއަށް ދާނެ ކަމަށެވެ.
"ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެ އެވެ.
ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ޚިތާބުގައި ރައީސް ވަނީ ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފަ އެވެ.
ޢީދުގެ އުފަލަކީ، މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމަޢީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުންކަން، އެމަނިކުފާނުގެ ޚިޠާބުގައި ހަނދާންކޮށްދެއްވާފައިވެއެވެ. އަދި، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާ އިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައިވަނީ، އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރުކުރައްވައި، ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.