ENGLISH
20 މާރިޗު 2026
ތާރީޚީ ދުވަހެއް: އދގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ މެމްބަރަކަމުގެ ދައުރު ދިވެހިރާއްޖެ އިން ފަށައިފި
20 މާރިޗު 2026
|
ތާރީޚީ ދުވަހެއް: އދގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ މެމްބަރަކަމުގެ ދައުރު ދިވެހިރާއްޖެ އިން ފެށުން
އެންމެ މަޤްބޫލު
މިއަދު ފެށި އ.ދ.ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ ހަތްދިހަ އެއްވަނަ ސެޝަންގައި 2026 އިން 2030 ގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފިއެވެ.
މިއީ މި ކޮމިޝަންގެ މެމްބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރެވެ.
މި ސެޝަން ފެށީ މި އަހަރުގެ މާރިޗު މަހުގެ 9 އިން 19 އަށް ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބޭއްވި އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަން ނިމުމާއެކުއެވެ.
ހަތްދިހަވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ "ހަމަހަމަ ޤާނޫނީ ނިޒާމެއް ކުރިއެރުވުމާއި، ތަފާތުކުރުވަނިވި ޤާނޫނުތަކާއި ނިޒާމީ ގޮންޖެހުންތައް ނައްތާލައި، އަންހެނުންނަށް އިންސާފު ހޯދުމަށް ސިޔާސަތުތަކާއި އަމަލުތައް ބައްޓަންކުރުން" މި ޝިޢާރުގެ ދަށުން ބޭއްވި އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަން ނިމުމާއެކުއެވެ.
މި ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަންގެ ޖެނެރަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖެ އިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވަނީ ގަވަރނަންސް އަދި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް، ވަކިން ޚާއްސަކޮށް ޑޭޓާ އިން ބާރުލިބިދޭ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކޮށް، އަންހެނުންނަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސަޕޯޓް ސަރވިސަސްތަކަށް އަލިއަޅުވާލާފައެވެ.
އަދި، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ބޭނުންވާ މަލީ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދިދާނެ މަގުތައް ދެނަގަތުމަށް ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓް އާއި ބްރެޒިލް އާއި ސައުތު އެފްރިކާ އާއި ކަޒަކްސްތާން އަދި ޔޫ.އެން. ވިމަން ގުޅިގެން ބޭއްވި ގްރޫޕް އޮފް 77 އެންޑް އިމަރޖިންގ ޕާޓްނަރސް މިނިސްޓީރިއަލް ރައުންޑްޓޭބަލްގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްޤީއަށް އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވާ މާލީ ނިޒާމުތަކަށް އިންވެސްޓް ކުރުން މުހިންމު ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި, އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަންދޫބުން ވަނީ ދިވެހިރާއްޖޭގެ ވޮލަންޓަރީ ނެޝަނަލް ޕްރެސެންޓޭޝަނެއް ފުރަތަމަ ފަހަރަށް މި ކޮމިޝަންގައި ހުށަހަޅާދެއްވާފައެވެ.
ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަން އަކީ އ.ދ.ގެ މައި ގުނަވަނެއްކަމުގައިވާ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ޤަރާރު ނަންބަރު 11 (II) އިން 1946 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ޤާއިމުކުރި ކޮމިޝަނެކެވެ. އިކޮސޮކް ގެ ފަންކްޝަނަލް ކޮމިޝަނެއްކަމުގައިވާ މި ކޮމިޝަންގެ މަސްއޫލިއްޔަތަކީ އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަމަން އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމެވެ. އެގޮތުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މިންގަނޑުތައް ކަނޑައެޅުމަށާއި، ހޯދާފައިވާ ކުރިއެރުންތައް އިވެލުއޭޓް ކުރުމަށާއި އަންހެނުންގެ ދިރިއުޅުން އިތުރަށް ބަދަހި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް މި ކޮމިޝަންގެ ބައްދަލުވުންތައް ބާއްވައެވެ.
ދިވެހިރާއްޖެ މި ކޮމިޝަންގެ މެމްބަރަކަށް އިންތިޚާބުވެފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އިކޮސޮކްގައި އެކަމަށް ބޭއްވި އިންތިޚާބުގައެވެ.