ENGLISH
20 މާރިޗު 2026
ހޯރަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި
20 މާރިޗު 2026
|
ހޯރަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުން. ފޮޓޯ: އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ސަރުކާރުން ހއ. ހޯރަފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްފި އެވެ.
އިއްޔެ އޮތް ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ކުރީކޮޅު އެރަށަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ހޯރަފުށީގައި މި ދެ މަޝްރޫޢުގެ އިތުރުން ވެސް ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ކުރިއަށްގެންދެއެވެ. އެގޮތުން އެރަށުގައި ކުރިއަށްގެންދާނެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަޝްރޫޢާއި، ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ ނިޒާމު ޤާއިމުކުރުމާއި، ހޮސްޕިޓަލުގެ މަސައްކަތާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ.
ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ތަރުތީބުކޮށްފައިވާނީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެކަންކަން އެންމެ ބާރު ސްޕީޑުގައި ގެންދެވޭ ގޮތަކަށް ރާވައިގެން ކަމަށެވެ. އެގޮތުން ހޯރަފުށީގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން، އެ ބީދައިން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހޯރަފުއްޓަށް މުހިއްމުވެފައިވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރިއިރު، މިހާރުވެސް ސަރުކާރުގެ މުހިއްމު މަޝްރޫޢުތަކެއް އެރަށުގައި ގެންދަނީ ހިންގަމުންނެވެ.