ENGLISH
19 މާރިޗު 2026
ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
19 މާރިޗު 2026
|
ޒަކާތް ބަހާ ވަނީ ނިންމާފައި --
އެންމެ މަޤްބޫލު
މޯލްޑިވްސް ޒަކާތު ހައުސްއިން، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފި އެވެ.
ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ދިވެހި ރުފިޔާ އެވެ. މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެ އެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާ އެވެ.
މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރި އެވެ. މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކޮށްފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެ އެވެ. މީގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަ އެވެ.