ENGLISH
19 މާރިޗު 2026
ރޭގެ އަލިފާނުގެ ހާދިސާގައި ސިފައިންގެ މީހަކަށް އަނިޔާވި އަދި ބައެއް އުޅަނދުފަހަރަށް ގެއްލުންވި
19 މާރިޗު 2026
|
"ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ---
އެންމެ މަޤްބޫލު
މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމަށް މަސައްކަތްކުރި ސިފައިންގެ މީހަކަށް އަނިޔާވެގެން ފަރުވާދީފައިވާކަމަށާއި، އަދި އެސަރަހައްދުގައިހުރި ބައެއް ވެހިކަލްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް، ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބުނިގޮތުގައި މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް އެއިދާރާއަށް ލިބުނީ ރޭ 21:57 ގައެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އަދި މި ހާދިސާގައި، ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، އެ ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ފުލުހުން އިތުރަށް ބުނީ މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީވެފައިވެއެވެ. މި 15 ގެއިން މީހުން ހުސް ކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ނެވެ. މި ގެތަކުން ރެޖިސްޓްރީވީ މީހުންގެ ތެރޭގައި 69 އަންހެނުންނާއި 385 ފިރިހެނުން ހިމެނެ އެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީންނެވެ. އަދި މި ބިދޭސީންގެ ތެރެއިން 280 ބިދޭސީންނާއި ވެރިފަރާތުން ހަވާލުވިއިރު، 20 ބިދޭސީންނަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިނެވެ.