ENGLISH

19 މާރިޗު 2026

Advertisement

އިދިކޮޅު ފަރާތްތައް އުޅެނީ ސަރުކާރަށް ޖެއްސުންކުރަން، ޕީއެންސީ ކެންޑިޑޭޓުން އަންނަނީ ހިދުމަތްކުރަން: އައިފާންް

19 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އިބްރާހީމް ހަލީލު، ފޮޓޯ: އެމްއެމްޓީވީ

އިދިކޮޅު ފަރާތްތަަކުން ލޯކަލް ކައުންސިލުތަކުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތްކުރަނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށާއި، ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ހިދުމަތްކޮށް ރަށްރަށާއި ސިޓީތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނު ވިދާޅުވެއްޖެ އެވެ. 

މެދު ހެންވޭރު ދާއިރާގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ސަރަހައްދުގައި ހުންނަވަައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އައިފާން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގައި ރައީސް ޑރ.މުޢިއްޒުގެ މޭޔަރުކަމުގައި އެ ބޭފުޅުން މަސައްކަތްކުރެއްވިއިރު، ސަރުކާރަށް ޖެއްސުންކުރުމަށް ނުވަތަ ސަރުކާރުން ކުރަން ބޭނުންވި ކަމަކަށް ހުރަސްއެޅުމަށް އެއްވެސް މިންވަރަކަށް މަސައްކަތްނުކުރައްވާ ކަމަށެވެ. 

ނަމަވެސް މިހާރު ފެންނަ މަންޒަރަކީ އިދިކޮޅު ޕާޓީއަށް އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބަދަލުގައި ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމުގެ ބަދަލުގައި އެކަންކަން ކުރިއަށްނުގެންދެވޭނެހެން އެކި ޒާތުގެ ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށް އައިފާން ވިދާޅުވިއެވެ. 

މިއަދު ކައުންސިލުތަކަށް ބޭނުންވަނީ ސަރުކާރަކީ ތިމާމެންނާ އެއް ވިސްނުމެއްގެ ސަރުކާރެއްތޯ ނުވަތަ ނޫންތޯ ނުބަލައި ރައްޔިތުންނަށް ހިދުމަތްކޮށް، ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކުރުމާއެކު، ގާނޫނުން ލާޒިމުކުރާ ގޮތަށް މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކޮށްދޭނެ ބައެއް ކަމަށްވެސް މެންބަރުު ވިދާޅުވިއެވެ. 

"ހަގީގަތަކީ މިއަދު ކައުންސިލު އިންތިހާބަށް ނުކެމެތިބި ކައުންސިލަރުންނަށް ބަލާއިރު އެއް ވިސްނުމުގައި ނުކުމެ ތިބި ހަމައެކަނި ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓުން. ޕީއެންސީގެ ކެންޑިޑޭޓުން މިދައްކަަނީ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ވާހަކަ. ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ލިބުމުގައި ދިމާވެފައި މިހުރި ދަތިތައް ފިލުވައިދޭ ވާހަކަ. އެ ރަށަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަައް މަޑުޖެހިފައި ހުރި ހުރުމާއި މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރަނީ ޕީއެންސީގެ ކެނޑިޑޭޓުން،" އައިފާން ވިދާޅުވިއެވެ. 

އައިފާން އިތުރަށް ވިދާޅުވީ ކައުންސިލަރުން ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭކަމަށް އެއްވެސް ތަނެއްގައި ބުނެފައިނުވާއިރު، އިދިކޮޅު ކެންޑިޑޭޓުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ދައްކަމުންދާ ވާހަކަތަކުން އެ ބޭފުޅުންގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށްވުރެ ބޮޑަށް ސަރުކާރަށް ދުއްތުރާކޮށް ޖެއްސުންކުރުންކަން ސާފުވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު