ENGLISH
19 މާރިޗު 2026
އެމެރިކާގެ ސްޕެޝަލް އެންވޯއީ ރާއްޖެ ޒިޔާރަތް ކުރައްވަނީ
19 މާރިޗު 2026
|
ދެކުނު އަދި މެދުތެރޭ އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައިވާ އެމެރިކާގެ ޚާއްޞަ މަންދޫބު ސާޖިއޯ ގޯ
އެންމެ މަޤްބޫލު
ދެކުނު އަދި މެދުތެރޭ އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައިވާ އެމެރިކާގެ ޚާއްޞަ މަންދޫބު ސާޖިއޯ ގޯ މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ހާމަކޮށްފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުފުޅަކީ މި މާރިޗު މަހުގެ 19 އިން 24 އަށް ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ސާޖިއޯ ގޯ ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅެކަމަށެވެ. މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށްޓަކައި މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސާޖިއޯ ގޯގެ މި ދަތުރުފުޅުގެ ތެރެއިން އެމެރިކާއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން އެ ޤައުމުގެ އިސްވެރިންނާ އެކު އޭނާ ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުވުންތަކުގެ ސަބަބުން، ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމުގެ އިތުރުން، މިނިވަން އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަޙައްދެއް ބިނާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން ހާމަކުރެ އެވެ.
އަދި ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދު ފުޅާކުރުމަށް އެހީތެރިވެދެވޭނެ ގޮތްތައް ބައްލަވައިލެއްވުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރެއްވުން ވެސް މި ދަތުރުފުޅުގައި ހިމެނޭކަމަށް ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން ހާމަކުރެ އެވެ.
އެމެރިކާއިން ސްރީލަންކާއާއި ރާއްޖެއާއެކު ބާއްވާ ގުޅުމަށް އިސްކަންދޭކަމަށާއި އަދި ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މި ޤައުމުތަކުން ގެންގުޅޭ އެއްގޮތް ވިސްނުންތަކަށް އެމެރިކާއިން އަބަދުވެސް ތާއީދުކުރާކަން އެމެރިކާ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.