ENGLISH
19 މާރިޗު 2026
ދާހިލީ ސަލާމަތުގެ ދާއިރާއިން އައްޑޫއަށް ކޮށްދެވުނު ކަންކަން ލިސްޓަކުން
19 މާރިޗު 2026
|
އައްޑޫ މޭޔަރު ނިޒާރު (ކ) އަދި ވަޒީރު އިހުސާން.
އެންމެ މަޤްބޫލު
ދާހިލީ ސަލާމަތުގެ ދާއިރާއިން އައްޑޫއަށް ކޮށްދެވުނު ކަންކަން ލިސްޓަކަށް ތިލަކޮށްދެއްވައި އައްޑޫސިޓީގެ މޭޔަރު އަހްމަދު ނިޒާރަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ފާއިދުވެދިޔަ ދެ އަހަރު އައްޑޫއަށް ކޮށްދިން ކަމެއް ނެތް ކަމަށް ބުނެ ހަރުދަނާ ވާހަކައެއް ދައްކަވަން އުޅުއްވުމަށް ނިޒާރު ވަނީ އޭނާގެ ފޭސްބުކުގައި ވަޒީރު އިހުސާނަށް ގޮވާލައްވާފަ އެވެ.
އެ ޕޯސްޓަށް ރައްދު ދެއްވަމުން ވަޒީރުވިދާޅުވީ ފާއިތުވި ދެ އަހަރު ހޯމް ސެކްޓާއިން އައްޑޫ ސިޓީ އަށް ހާއްސަ ކުރެވިގެން ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ލިސްޓެއް ވަޒީރު ވަނީ ހިއްސާކޮށްފަ އެވެ.
1. އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހުއްޓިފައިވަނިކޮށް ހިތަދޫގައި އެ ޚިދުމަތް އަލުން ފަށައި ފޭދޫގައި އަލަށް ޚިދުމަތް ފެށުން.
2. ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހިތަދޫ އަދި ފޭދޫގައި ފެށުން.
3. އައްޑޫ ސިޓީގައި އުޅޭ 2500 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސްނެގި ފިންގަރޕްރިންޓް އަދި ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކާކުކަން ކަށަވަރުވާނެ ގޮތަށް ނިޒާމު ޤާއިމުކުރުން.
4. ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގި 678 ބިދޭސީންނާއި ސުވާލުކުރެވި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 83 ފަރާތް ޑިޓެއިން ކުރެވުނު.
5. މަރަދޫގައި ހަދަމުންދިޔަ ކަސްޓަމްސްގެ ރީޖަނަލް ހެޑް އޮފީހުގެ މަސައްކަތް އަވަސްކުރެވި އިމާރާތް ހުޅުވައި ސަރަހައްދުގެ ކަސްޓަމްސްގެ ޚިދުމަތްތައް އަވަސްކުރެވުނު.
6. ހިތަދޫގައި ހަދަމުންދިޔަ ޕޮލިސް އެކޮމޮޑޭޝަންގެ އިމާރާތުގެ މަސައްކަތް އަވަސްކުރެވި މާޗް 30 ވަނަ ދުވަހު ހުޅުވޭނެ.
7. ފޭދޫގައި ހަދަމުންދިޔަ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާރޒްގެ މަސައްކަތް އަވަސްކުރެވި މި އަހަރު ޖޫން މަހު ހުޅުވޭނެ.
8. ހިތަދޫގައި ހަދަމުންދާ އިމިގްރޭޝަންގެ އިމާރާތުގެ މަސައްކަތް އަވަސްކުރެވި މިއަހަރު އޮކްޓޯބަރ މަހުގެ ކުރިން ހުޅުވޭނެ.
9. އައްޑޫ ސިޓީ ހިތަދޫގައި އަލަށް ޤާއިމު ކުރަން ފެށުނު ފުލުހުންގެ އިމާރަަތް މިއަހަރު ނިންމައި ޚިދުމަތްދޭން ފެށޭނެ.
10. މަރަދޫގައި ބިންގާ އެޅުނު ފުލުހުންގެ އިމާރާތުގެ މަސައްކަތް ޖޫން މަހު ފެށިގެންދާނެ އަދި އަންނަ އަހަރު މެދުތެރޭ ޚިދުމަތްދޭން ފެށޭނެ.
11. އައްޑޫ ސިޓީ ކައުންސިލުން ދެމުންދާ 15 ޚިދުމަތެއް “ވަންގަވް” މެދުވެރިކޮށް އޮންލައިންކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުނު.
12. 2023 ވަނަ އަހަރު އައްޑޫ ސިޓީގައި ތިބި ކޮލިފައިޑް ޕޮލިސް އޮފިސަރުންގެ އަދަދު 2025 ވަނަ އަހަރު ވަނީ 19 އިންސައްތަ އިތުރުކުރެވިފައި.
13. 2023 ވަނަ އަހަރާއި ކޮމްޕެއަރ ކުރާއިރު އައްޑޫ ސިޓީގައި ގޭންގް / ގުރޫޕް ހަދައިގެން ހިންގި މާރާމާރީގެ އަދަދު 2025 ވަނަ އަހަރު ވަނީ 72 އިންސައްތަ މަދުކުރެވިފައި.
14. ފޭރުމުގެ މައްސަލަތައް 2023 ވަނަ އަހަރާއި ކޮމްޕެއަރ ކުރާއިރު 2025ވަނަ އަހަރުވަނީ 39 އިންސައްތަ މަދުކުރެވިފައި.
15. ކައުންޓަރ ޑްރަގް އޮޕަރޭޝަންތައް 2023 ވަނަ އަހަރާއި ކޮމްޕެއަރ ކުރާއިރު 2025 ވަނަ އަހަރު ވަނީ 34 އިންސައްތަ އިތުރު ކުރެވިފައި.
16. މުޅިން އަލަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ޑްރަގް ނެޓްވޯކުތަކާއި ދެކޮޅަށްވަނީ ތަފާތު 6 އޮޕަރޭޝަނެއް ހިންގިފައި.
17. އީވިސާގެ ޚިދުމަތް ތައާރަފް ކުރެވި ރައްޔިތުން އިމިގްރޭޝަން އޮފީހަށްނުގޮސް ބިދޭސީންނަށް ވިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުނު.
މިކަންކަން އައްޑޫ ސިޓީގެ މޭޔަރަށް ނޭނގުމަކީ ސަރުކާރާއި އިދިކީލަ ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ނަތީކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރި ކައުންސިލެއްނަމަ މިކަންކަން ހިންގާގޮތް ބަލާ އިތުރަށް ހަރުދަނާކުރަން ދޭންޖެހޭ ކަންކަން ދެނެގަނެ، ބޭނުންވާ އެހީތެރިކަންދެވި ރައްޔިތުންނަށް މިއަށްވުރެވެސް ފުރިހަމައަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
" އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުރިހަމަ މަޢުލޫމާތު ކައުންސިލުން ރައްޔިތުންނަށް ދެވޭނެ. " - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
އައްޑޫއަށް ކޮށްދެވިފައިވާ ކަންކަން މޭޔަރު ނިޒާރަށް ނޭނގުމަކީ އައްޑޫ ސިޓީގެ ރައްޔިތުން މިފަހަރު ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެ ކައުންސިލަރުންނާއި މޭޔަރެއް ހޮވަންޖެހޭކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޕޯސްޓު ނިންމަވާލައްވަމުން ވަޒީރު ވަނީ ވިދާޅުވެފަ އެވެ.