ENGLISH
19 މާރިޗު 2026
އަލިފާނުގެ ހާދިސާ: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
19 މާރިޗު 2026
|
ރޭ ހިނގި އަލިފާނުގެ ހާދިސާ. ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މި ހާދިސާ ހިނގީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގަ އެވެ. މިއީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ.
މި ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށް އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެންޑީއެމްއޭއިން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާއާ ގުޅިގެން ރޭގެ ދަންވަރު 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ވަނީ ރަޖިސްޓްރީވެފަ އެވެ. މި 15 ގެއިން މީހުން ހުސް ކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ނެވެ. މި ގެތަކުން ރެޖިސްޓްރީވީ މީހުންގެ ތެރޭގައި 69 އަންހެނުންނާއި 385 ފިރިހެނުން ހިމެނެ އެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީން ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
އިވެކުއޭޝަން ސެންޓަރުގައި ރެޖިސްޓްރީވި މީހުންގެ ތެރެއިން 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރެއިން ބައެއް އައިލާތަކުން ބައެއް އާއިލާތަކުން ވަގުތީ ގޮތުން، އާއިލީ ގޭގެއަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދޭ އިރު 280 ބިދޭސީންނާއި ވެރިފަރާތުން ހަވާލުވެފައިވާކަމަށާއި 20 ބިދޭސީންނަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭއިން ބުނެފައި ވެއެވެ. މީގެ އިތުރުން ދުމުގެ އަސަރުކޮށްގެން ހަތް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މި އެންމެންގެ ހާލުވެސް މިހާރު ރަނގަޅުކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭ 11:00 ހާއިރުއެވެ.