ENGLISH

18 މާރިޗު 2026

Advertisement

މާދާމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް، ޢީދު ދުވަހަކީ ހުކުރު

18 މާރިޗު 2026

|

އަޙުމަދު ޙަމީދު

އުޑުމަތީ ފަޅި ހަނދެއް --

މާދާމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ދެންމެ އިޢުލާނު ކޮށްފި އެވެ.

އެ މިނިސްޓްރީން އެކަން އިޢުލާނު ކޮށްފައިވަނީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވުމަށް ފަހު އިއްވެވި ހަނދާއި ބެހޭ ޤަރާރުގަ އެވެ. 

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ސޮއިކުރެއްވި ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18)ވީ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން، ޝަރުޢީ ހަމަތަކުން ސާބިތުނުވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނޭ ކަމަށް، އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީ އާއި، އިސްލާމީ އެއްވެސް ޤައުމަކަށް ވެސް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މަޢުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާތީ، ރަމަޟާން މަހާއި،ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 19ވާ ބުރާސްފަތި ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޝައްވާލް މަހުގެ ހަނދު ބަޔާން އިއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފް އެވެ.

ކިޔުންތެރިންގެ ހިޔާލު