ENGLISH
18 މާރިޗު 2026
އިލެކްޓްރިކް ވެހިކަލްތަކުގައި ފެހި ބޯޑު ހަރުކުރަން 60 ދުވަހުގެ މުއްދަތެއް ދީފި
18 މާރިޗު 2026
|
އިލެކްޓްރިކް ވެހިކަލް ތަކުގައި ނަންބަރު ބޯޑު ހުންނަންވީ ގޮތުގެ ނަމޫނާ
އެންމެ މަޤްބޫލު
ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ފެހިކުލައި ހުންނަން ޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާއެކު، އެފަދަ ވެހިކަލްތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް އިއްޔެއިން ފެށިގެން 60 ދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.
މިއީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނައި ހަތް ވަނަ އިސްލާހުގެ ދަށުން އިއްޔެ އަމަލުކުރަން ފެށި ބަދަލެކެވެ.
އެގޮތުން މިހާރު ރަޖިސްޓްރީ ކޮށްފައިވާ އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ފެހިކުލައަށް ބަދަލުކުރުމަށް، އެ އިސްލާހަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 60 ދުވަހުގެ އިތުރު މުއްދަތެއް މިނިސްޓްރީން ވަނީ ދީފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި މިއީ، އެހެން އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނެސްފައިވާ ބަދަލެކެވެ.
އަދި މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އިއްޔެ އަމަލުކުރަން ފެށި އިސްލާހުގައި ބަރު އުޅަނދުތައް ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިފަސޭހަވާނެ ގޮތްތަކެއްވެސް ވަނީ ހިމަނާފައެވެ.
އެ މިނިސްޓްރީން މަސައްކަތް ކުރަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއެކު، މުޅި ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމަށް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.