ENGLISH
18 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުން މަގުފަހިކުރާނީ ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބިގަތުމަށް ފުރުސަތު ހޯދަން: ދިޔާނާ
18 މާރިޗު 2026
|
ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު
އެންމެ މަޤްބޫލު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމާއިމެދު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުން މަސައްކަތްކުރާނީ ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބިގަތުމަށް ފުރުސަތު ހޯދުމަށް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވީ "ފެންނަ ނުފެންނަ ވޯޓަކީ ވެރީން ރައްޔިތުންގެ ގާތަށް އަންނަ އައުން މަދުކުރުމަށް ޖަހާ ޗައްކަރެއް" ކަމަށް ބުނެ މީހަކު ކޮށްފައިވާ ޕޯސްޓަކަށް ދެއްވި ޖަވާބެއްގަ އެވެ. ދިޔާނާ ވިދާޅުވީ އެ ވާހަކަ ޤަބޫލުކުރަން ދަތި ކަމަށެވެ.
"ސަބަބަކީ ރައްޔިތުންނާއި ގާތުން ޙިދުމަތް ލިބިދިނުން ފަހިކުރުމަށްޓަކައި ރާއްޖޭގެ ހިންގުން ވަނީ ޤާނޫނު އަސާސީންނާއި ޤާނޫނުން ލާޒިމުކުރެވި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި ބާރުތައް ޑިވޮލްވް ކުރެވިފައި. އަދި ވުޒާރާތަކާއި ދެމެދު ފާލާން އެޅިފައި,"
ދިޔާނާ ވިދާޅުވީ މީގެ އިތުރުން ރައްޔިތުންގެ އަޑު ވަގުތުން އިއްވޭނެ އެތައް ވަސީލަތެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތު ކުރެވޭނެ އަދި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މަޖިލީހެއް މިހާރު އޮތް އިންތިޚާބީ ނިޒާމުން ލިބިނުގަނެވި އޮތުން ކަމަށެވެ.
އޭޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުން މަސައްކަތް ކުރާނީ އެކަމަށް ޙައްލެއް ހޯދުމަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމާއިމެދު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން އެމްޑީޕީން ދަނީ އަސާސެއް ނެތް އެތައް ވާހަކަތަކެއް ފަތުރަމުންނެވެ.