ENGLISH
18 މާރިޗު 2026
ބައިނަލްއަގްވާމީ ތިން އެއާލައިނަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
18 މާރިޗު 2026
|
ވެލާނާ އެއާޕޯޓު.
އެންމެ މަޤްބޫލު
މެދުއިރުމަތީގަ ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގްވާމީ ތިން އެއާލައިންތަކުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި އެވެ.
އެގޮތުން ސްވިޒަލެންޑުގެ އެޑެލްވިއެސް އެއާ އާއި އެއާ އިންޑިއާ ގެ އިތުރުން އެއިރޯޕްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ވަނީ ނިންމާފަ އެވެ.
އެގޮތުން އެޑެލްވިއެސް އެއާއިން އެޕްރީލް އަދި މެއި މަހު ސްވިޒަލެންޑުގެ ޒިއުރިކާއާ މާލެއާ ދެމެދު ކުރާ ދަތުރުތައް ހަތަރު ފްލައިޓުން ފަސް ފްލައިޓަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އެ އެއާލައިނުން ބުނެފައިވަނީ މިއީ މެދުއިރުމަތީގެ މަގުތަކުގެ ބަދަލުގައި ސީދާ ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ ޑިމާންޑަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެއާ އިންޑިއާއިން ވަނީ ރާއްޖެ ހިމެނޭހެން ނުވަ މަންޒިލަކަށް އިތުރު 78 ފްލައިޓް ބޭއްވުމަށް ނިންމާފަ އެވެ.
އެއިރޯފްލޮޓުން ދަނީ މޮސްކޯ އާއި މާލެ، ބެންކޮކް، ޕުކެޓް އަދި ކޮލަމްބޯ ހިމެނޭހެން ފަތުރުވެރިކަމުގެ މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވަމުން ނެވެ. މިއީ މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ގިނަ އަދަދެއްގެ ދަތުރުތައް ކެންސަލްވަމުންދާތީ ދަތުރުވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބާއްވާ ދަތުރުތަކެއްކަމަށް އެއިރޯފްލޮޓުން ބުނެއެވެ.
ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ޝެޑިއުލްއަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދަށް ބަދަލުތަކެއް އައި ނަމަވެސް ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ހަނގުރާމަ ފެށިފަހުން މިހާތަނަށް 128 ޕްރައިވެޓް ޖެޓް ރާއްޖެ އައިސްފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 166 އިންސައްތައިގެ ކުރިއެރުމެކެވެ.