ENGLISH
18 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
18 މާރިޗު 2026
|
މިރޭ އޮތް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލްވުން --
އެންމެ މަޤްބޫލު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ފުރިހަމައަށް ތާއީދު ކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފި އެވެ.
އެ ޕާޓީން މި ނިންމުން ނިންމީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.
އަދާލަތު ޕާޓީން މިރޭ ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައި ކަމަށެވެ.
މި ނިންމުން ނިންމީ މަޝްވަރާ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ވަނީ އިސްލާޙު ގެނެސްފަ އެވެ. އެ އިސްލާޙު ތަސްދީޤު ކުރެއްވުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފަ އެވެ.
އެ ވޯޓްގައި "ފެންނަ" ކަމަށް ވޯޓްލާން ސަަރުކާރު ހިންގާ ޕީއެންސީއާ ޖުމްހޫރީ ޕާޓީއާ އެމްޑީއޭ އިން ވަނީ އެދިފަ އެވެ. ކުރީގެ ވިސްނުން ބަދަލުކޮށް އެމްޑީޕީން ވަނީ އެ ވޯޓާއި ކުއްލިގޮތަކަށް ދެކޮޅު ހަދާފަ އެވެ. އަދި އެ ވޯޓްގެ ޙަޤީޤަތް އޮޅޭ ގޮތަށް ދަނީ އެކި ވާހަކަތައް ފަތުރަމުންނެވެ.
އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދަކީ ވެސް އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދު ކުރައްވާ ކުރީން ވާހަކަ ދައްކަވާފައިވާ ދެ ބޭފުޅުންނެވެ. މި ފަހަރުވެސް ނަޝީދު ފުރަތަމަ ވިދާޅުވީ އެގޮތަށެވެ. ނަަމަވެސް އެމްޑީޕީން އެ ވޯޓަށް ދެކޮޅު ހެދުމުން ފަހުން ނިންމުން ބަދަލުކުރެއްވީ އެވެ.