ENGLISH
18 މާރިޗު 2026
ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާމެދު އުފައްދާ ޝައްކުތަކަށް މިނިސްޓަރު ހިޝާމުގެ އިލްމީ ރައްދެއް
18 މާރިޗު 2026
|
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމުގެ ވޯޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާ ސުވާލާމެދު ބައެއް ބޭފުޅުން އުފައްދަވާ ޝައްކުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހްމަދު ހައިޝަމް ވަޖީހު ވަރަށް ތަފުސީލީ އިލްމީ ރައްދެއް ދެއްވަައިފިއެވެ.
މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ރައްދުގައި ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ މާއްދާތަކުގެ ތެރެއިން މާއްދާއަކަަށް އެއްވެސް އިސްލާހެއް ގެންނަނަ ނަމަ އެ އިސްލާހު ތަސްދީގުކުރުމުގެ ކުރިން ރައްޔިތުން އެކަމަށް ރުހޭތޯ ބެލުމަށް ނަގަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނަގާއިރު އެކަމަށް ހުށަހަޅަންޖެހޭ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދައިން ހުށަހަޅާ ސުވާލު ވާންޖެހޭނީ އެގެނެވުނު އިސްލާހުގެ މައުޟޫއު ސާފުވާ ގޮތަށް އޮންނަ ސުވާލަކަށެވެ. އަދި އެ ސުވާލުގެ ޖަވާބުގައި އާނއެކޭ ނުވަތަ ނޫނެކޭ ބުނެވޭނެ ގޮތަށް ބައްޓަންކޮށްފައި އޮންނަ ސުވާލަކަށެވެ.
އަދި ގާނޫނުއަސާަސީއަށް ގެންނަ އިސްލާހާ ގުޅުންހުރި ހުރިހާ ތަފުސީލުތަކެއް އެ ސުވާލުގައި ހިމެނުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، އިސްލާހުގެ މައުޟޫއުގެ ތެރޭގައި ސީދާ ރައްޔިތުންނަށް ސާފުވާ ގޮތަށް އޮންނަ ސުވާލެއްގެ ސައްހަކަމާމެދު ސުވާލުކުރާނަމަ އެ ސުވާލުގެ ގާނޫނީ އަސާސް ބަޔާންކުރަންޖެހޭނެ ކަމަށް ހައިޝަމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ވޯޓުގެ ސައްހަކަން ކަނޑައެޅުމުގެ މިންގަނޑަކީ ސިޔާސީ ގޮތުން އެންމެން އެެއްބަސްވެ ނުވަތަ ރުހޭ ކަމަކަށްވުން ނޫންކަން ފާހަގަކުރައްވަމުން ހިޝާމް ވިދާޅުވީ އެފަދަ ހާލަތުގައި ބަލަންޖެހޭނީ އެ ސުވާލަކީ ރައްޔިތުންގެ ރުހުން ހޯދުމަށް ގާނޫނީ ގޮތުން ހުއްދަކޮށްފައި އޮތް ދާއިރާގެ ތެރެއިން ކުރެވޭ ސުވާލެއްތޯއާއި، އެ ސުވާލާ ހަމައަށް އައީ ގާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާއާތާ އެއްގޮތަށްތޯ ކަމަށެވެ.
ފެންނަ ނުފެންނަ ވޯޓަަކީ އޭގެ ޒާތުގއި ރައްޔިތުން އެދޭ ގޮތް ނުވަތަ ރައްޔިތުންގެ ބަސް ދެނެގަތުމަށް ކުރިއަށްގެންދާ ކަމެއްކަން ފާހަގަކުރައްވަމުން ހިޝާމު ވިދާޅުވި ގޮތުގައި ކުރާ ސުވާލަކީ ގާނޫނުއަސާސީގައި ސާފުކޮށް މަނާކޮށްފައިނުވާ ނުވަތަ ދުސްތޫރީ އިސްލާހުތައް ގެނައުމުގެ އިޖުރާއަތަކާ ހިލާފުވުން ނުވަތަ ރައްޔިތުންނަށް އޮޅުންއަރާ ސުވާލަކަށްވުން ފަދަ ކަމެއްކަން ސާބިތުނުވާހާ ހިނަދަކު އެ ސުވާލު ގާނޫނުއަސާސީއާ ހިލާފުކަމަަށް ބުނުމަކީ ގާނޫނީ ބުރަދަނެއް ހުރި ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ކުރުކުރުމަށް ބިލުގައި ހިމަނާފައިވާތީ، މިހާރު ހިންގަމުންދާ މަޖިލީހުގެ އުމުރު ކުރުކުރަް ފެނޭތޯ ސުވާލުކުރި ނަމަވެސް މުހިއްމު މައުލޫމާތުތަކެއް ސުވާލުން އުނިވާނެއެވެ. އަދި އިސްލާހުގެ މަގުސަދާއި ނަތީޖާ އެ ސުޥާލުން ދޭހަނުވާނެއެވެ. ސުވާލުގެ ނަތީޖާއާއި މަގުސަދު ސާފުނުވާހެން ސުވާލު އޮތމުމުން ރައްޔިތުންނަށް އޮޅޭ ގޮތަށް ވޯޓު ނަގަނީކަމަށް ބުނުމުގެ ޖާގަ މާ ބޮޑުވާނެ ނޫންތޯ ހިޝާމު ސުވާލު އުފެއްދެވިއެވެ.
ހިޝާމު ވިދާޅުވީ މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުންކަމަަށްވާއިރު ސުވާލުން އެކަން ސާފުވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މިހާރު ސުވާލު އޮތް ގޮތުން އެކަން ސާފުވާ ކަމަށެވެ. އަދި އިބާރާތް އޮތް ގޮތުން މަޖިލީހުގެ އުމުރަށް ގެންނަ ބަދަލާމެދު ރައްޔިތުން ރުހޭތޯ ސުވާލުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު ސުވާލު އޮތް ގޮތުން މިހާތަނަށް އިސްލާހުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރުވެސް ސާފުވާކަން ފާހަގަކުރައްވަމުން ހިޝާމު ވިދާޅުވީ މި ސުވާލުން ވޯޓުގައި ރައްޔިތުން ނިންމާ ނިންމުމުން ވާނެ ގޮތާއި ނިކުންނާނެ ނަތީޖާވެސް ސާފުވާނ ެކަމަށެވެ.